މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހަޅާފައިވާ ޤަރާރު މަޖިލީހުގައި ކުރިޔަށް ނުގެންދާ މައްސަލައަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށައެޅީ ވެރިކަންކުރާ އެމްޑީޕީންނެވެ.

މިއަދުގެ ޝަރީއަތް ފެށްޓެވުމަށް ފަހު، މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ މިއަދުގެ އަޑުއެން ކުރިއަށް ގެންދާނީ އެއް ގަޑިއިރަށް ކަމަށެވެ. އަދި މައްސަލާގައި ހިމެނޭ ފަރާތްތަކުން ކޯޓުގެ ވަގުތު ނުގެއްލޭގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އިސް ފަނޑިޔާރުވަނީ އެދިލަށްވަފައެވެ.

މައްސަލައިގެ ފުރަތަމަ އަޑުއެހުން 10:50 އާ ހަމައަށް ކުރިއަށް ގެންދަވާނެ ކަމަށާއި، އިތުރު އަޑުއެހުމެއް 12:30 އިން 13:30 އަށް ކުރިއަށް ގެންދަވާނެ ކަމަށްވެސް ފަނޑިޔާރު މަހާޒް މިއަދު ވިދާޅުވި އެވެ. އަދި 13:30 އާއި ހަމައަށް އަޑުއެހުން ނުނިމިއްޖެނަމަ މާދަމާވެސް އަޑުއެހުމެއް ބާއްވާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"މިބަލަނީ މައްސަލައިގެ އަޑުއެހުންތައް އެކިއެކީގަ ކުރިއަށް ގެންގޮސް މައްސަލަ ނިންމާލެވޭތޯ،" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

މަހާޒްގެ އިތުރުން މި މައްސަލަ ބައްލަވާނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އެވެ.

މި މައްސަލާގައި އެމްޑީޕީން އެދިފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ކަނޑައެޅުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މި މައްސަލައަށް އިދިކޮޅު ޕީޕީއެމާއި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ވަނީ ތަދައްޚުލުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން