މަާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ ރާވައިގެން ހިންގާ ސްކޭމެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ޙިއްސާކުރެއްވި ލިޔުމެއްގައި މެންބަރު ޔާސިރު ވިދާޅުވީ، މާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ ރާވައިގެން ހިންގޭ ބޮޑު ސްކޭމެއް ކަމަށެވެ. އަދި މާލެ ސަރަހައްދުން ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލި ކޮންމެ ފަހަރަކުމެ އެންމެ ބޮޑަށް ހާމަވަނީ ބޯހިޔާވަހިކަމަށް ރައްޔިތުން އުފުލާ ތަކުލީފުގެ ބޮޑުކަން ކަމަށް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ދިނުމަށް މިހާރު ކުރިޔަށްދާ މަޝްރޫޢުން ފުރަތަމަ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކުގެ ނަންތަކާއި ލިބިފައިވާ ޕޮއިންޓުތައް ސަރުކާރުން ހާމަކުރުމާއި ގުޅިގެން އޭނާގެ ދާއިރާގެ ބައެއް ރައްޔިތުންވެސް ދަނީ ޝަކުވާ ހުށަހަޅަމުން ކަމަށެވެ. އޭގެތެރޭގައި ޤަބޫލު ކުރެވޭ ބައެއް ޝަކުވާތައް ހުރުމާއެކު އެކަންކަން ވާނީ ޕާޓީގެ ލީޑާރޝިޕާއި، ސަރުކާރާއި ޙިއްޞާ ކޮށްފައި ކަމަށް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، މާލޭ ސަރަހައްދުން މިހާރު ކުރިޔަށްދާ، ބޯހިޔާވަހިކަމުގެ މައްސަލާގައި ބައެއް ފަރާތްތަކުން ސަރުކާރަށާއި، އެމް.ޑީ.ޕީއަށް އެކި ބާވަތުގެ ތުޙުމަތު ކުރަމުންދާ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކުގެ ލިސްޓު 2018 ވަނަ އަހަރު، އޭރު އޮތް ސަރުކާރު ބަދަލުވެ އިންތިޤާލީ ދުވަސްވަރު ނެރުނު އިރު، ލިސްޓުގައި އެކަށީގެންވާ މަޢުލޫމާތުވެސް ނެތްކަން ޔާސިރު ފާހަގަ ކުރެއްވިއެވެ.

"އެ ލިސްޓުގައި ފޯމު ނަންބަރެއް ފިޔަވައި އިތުރު ތަފުޞީލެއް ފެންނަން ނެތްކަން. އަދި ހަމަ އެހެންމެ، ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ދެއްވި ގޮތުގެ ތަފުޞީލުވެސް ދެއްވުމަށް ހައުސިންގ މިނިސްޓްރީން އޭރު ދެކޮޅުހައްދަވާފައިވާކަން." ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، މިސަރުކާރުން ބޯހިޔާވަހިކަމަށް އެދުނު ފަރާތްތަކަށް ޕޮއިންޓު ދެއްވާފައިވާ ގޮތުގެ ތަފުޞީލީ މަޢުލޫމާތު ހާމަކޮށް، އަޅާކިޔުމުގެ ފުރުޞަތު ލިބިފައި އޮތުމާއެކު، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ވަގުތުން ހުޅުވާލުމަކީ ބަލައިގަންނަންޖެހޭ ކަމެއްކަމަށެވެ.

"ހާމަކަން ބޮޑުވުމަކީ ކަންކަން ރަނގަޅު ކުރުމަށް އޮތް އެންމެ ހެޔޮފާލު." ޔާސިރު ވިދާޅުވެފައިވެއެވެ.

ޔާސިރު މިމޭރުމުން ވިދާޅޫވެފައިވާއިރު އޭސީސީން ވަނީ އެ 4000 ފްލެޓް ދޫކުރުން މަޑުޖައްސާލުމަށް ހައުސިންގ މިނިސްޓްރީއަށް އަންގާފައެވެ. އެކަން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާތީއެވެ.

ހަމައެއާއެކު މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓަށް ޝަރުތު ހަމަވި 13،000 މީހުންގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅައި އާއްމުކޮށްފައިވާ ލިސްޓުގެ މައްސަލައިގެ ތަހުގީގަށް އޭސީސީގެ ކުއިކް ރެސްޕޮންސް ޓީމުގެ ބޭފުޅުން އިއްޔެ ވަނީ ހައުސިންގ މިނިސްޓްރީއަށް ވަދެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން