ޑރ. މުޢިއްޒު ރިޔާސީ ހުވާކުރައްވާ ޖަލްސާއަށްވެސް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަކިކުރުން އެޖެންޑާކުރަން ޖެހޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

އެމްޑީޕީގެ ފަރާތުން މިމޭރުމުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ޤަވާއިދު މާނަކޮށްފައިވާގޮތް ރަނގަޅު ނޫންކަމަށް ބުނެ އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އެޕާޓީގެ ސްޓޭންޑް ހާމަކުރަށްވަމުންނެވެ.

އެގޮތުން އެމްޑީޕީގެ ޤާނޫނީ ވަކީލް އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނުނިންމާ އޮތް ނަމަވެސް، އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތްކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ ގަރާރުގެ މަސައްކަތް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތް މާއްދާ، އާ ރައީސް ހުވާކުރައްވާ ޖަލްސާއަށްވެސް ފެތޭނެ ކަމަށް އަޙްމަދު ވިދާޅުވިއެވެ.

"އެ ޖަލްސާގަ ވެސް އެޖެންޑާ ނަންބަރު އެކަކަށް ވާންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުން." އަޙްމަދު ވިދާޅުވިއެވެ.

އަޙްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމަށް ބާއްވަނީ މަޖިލީހުގެ ޖަލްސާއެއް ކަމަށާއި، އެހެންކަމުން އެޖަލްސާގައި އެހެން މައްސަލަތައްވެސް އެޖެންޑާ ކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާގެ ފުރަތަމަ ނަންބަރަކަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޤަރާރު އެޖެންޑާކުރަން ޖެހޭ ކަމަށް އަޙްމަދު މިއަދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ 49 މެންބަރުންގެ ސޮޔާއިއެކު ހުށައެޅި ރައީސް ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް އޮތީ ނައިބު ރައީސް އީވާ ސަލާމުގައި ހުންނެވުމުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސަށް އެކަނިކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައެޅުމާ ގުޅިގެންނެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް ސްޕްރީމް ކޯޓަށް އެމްޑީޕީން ހުށައެޅި ދުސްތޫރީ މައްސަލައަށް ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންވެސް ވަނީ ތަދައްޚުލުވެފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން