ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ހުށަހެޅި ޝަކުވާތަކަށް މިއަދު ޖަވާބުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެ ރިޕޯޓަށް ހުށަހެޅި ހުރިހާ ޝަކުވާތަކެއް ބަލައި ނިންމާފައިވާ ކަމަށާއި، މިހާރު ކުރަމުން ގެންދަނީ ދާއިރާތަކުގެ ފައިނަލް ރިޕޯޓު އާންމު ކުރުމަށް ކުރަހަންޖެހޭ ޗާޓުތަކުގެ މަސައްކަތް ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް 65 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އޭގެތެރެއިން 44 ޝަކުވާއަކީ އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާއަށް ހުށަހަޅާފައިވާ ޝަކުވާ އެވެ.

"އެ ޝަކުވާތަކަށް މިއަދު ޖަވާބު ދޭނެ." އީސީން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މަޖިލިސް ބަދަލުކުރުމަށެވެ.

އެގޮތުން މަޖިލިސް 2024 އަށް އިތުރުވި 6 ދާއިރާއަކީ ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާ އާއި ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ) އާއި ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ) އާއި ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ) އާއި ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ) އެވެ. އެ ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނި ކަމަށް އީސީން މަޢުލޫމާތުދެއެވެ.

އަދި ހުޅުމާލެ ދާއިރާގެ ނަން "ހުޅުމާލެ ދެކުނު ދާއިރާ" އަށް، ކ. ގުރައިދޫ ދާއިރާގެ ނަން "މާފުށި ދާއިރާ" އަށް، ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ" އަށް އަދި ފޭދޫ ދާއިރާގެ ނަން "ފޭދޫ ދެކުނު ދާއިރާ" ގެ ނަމަށް ބަދަލުވާނެ ކަމަށް އީސީގެ ވަގުތީ ރިޕޯޓްގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން