އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް އެކޯޓުން ނިންމާލައިފިއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ތަދައްޚުލުވެފައިވެއެވެ.

މި މައްސަލައަށް ޖަވާބުދާރީވަމުން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ސުޕްރީމް ކޯޓުގައި ވިދާޅުވީ، މަޖިލީހުގައި މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަޖިލީހުގެ ގަވައިދު އިސްލާހުކުރަން ލަފާ އަރުއްވާފައިވާނެ ކަމަށެވެ. ފިލްޒާ ވިދާޅުވީ މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅުމުން ކަމަށާއި އެ މައްސަލަ ހަމައެކަނި މަޖިލީހަށް ލިބުމުން ނުވަތަ އެޖެންޑާ ކުރުމަކީ މައްސަލަ ޖަލްސާއަށް ހުށަހެޅުން ކަމަކަށް ނުވާނެ ކަމަށެވެ. ފިލްޒާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ނައިބު ރައީސަށް އެކަނި ބަަލަހައްޓަން ޖެހޭގޮތަށް ގަވައިދުގައި ބަޔާންކޮށްފައިވަނީ ވަކި ސަބަބުތަކަށް ޓަކައި ކަމަށެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަށްވަމުން އެމްޑީޕީގެ ޤާނޫނީ ވަކީލް އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނުނިންމާ އޮތް ނަމަވެސް، އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތްކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ ގަރާރުގެ މަސައްކަތް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތް މާއްދާ، އާރައީސް ހުވާކުރައްވާ ޖަލްސާއަށްވެސް ފެތޭނެ ކަމަށް އަޙްމަދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާގެ ފުރަތަމަ ނަންބަރަކަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޤަރާރު އެޖެންޑާކުރަން ޖެހޭ ކަމަށް އަޙްމަދު މިއަދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ ޤަވާއިދު އިސްލާޙުކުރުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ޢަޙްމަދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ޤަވާއިދު މާނަކޮށްފައިވާގޮތް ރަނގަޅު ނޫންކަމަށް ބުނެ އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މި މައްސަލާގައި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ވަކާލާތު ކުރަށްވަމުން ވަކީލް ފާތުމަތު ހަލީމް ވިދާޅުވީ، އުފެދިފައިވަނީ މަޖިލީހުގެ ޤަވާއިދުގެ 205 ވަަނަ މާއްދާގެ (ބ) މާނަ ކުުރުމާ ގުޅޭގޮތުން އުފެދިފައިވާ ޚުސޫމާތެއްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ދެކޭކަމަށް ވަކީލް ވިދާޅުވިއެވެ.

އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 205 ވަަނަ މާއްދާގެ (ބ) ގައި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށް ބުނެފައިވީ ނަމަވެސް، ނައިބުރައީސް ހާޒިރުނުވާ ޙާލަތުގައި 44 ވަނަ މާއްދާގައި ބުނާ 5 މެންބަރުންނާ ރިޔާސަތު ޙަވާލުކުރުމުގެ އިޖުރާއަތާއެކު މަޖިލިސް ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވެސް ބަންޑާރަނާއިބުގެ އޮފީހުން ކޯޓުގައި އެދިފައިވެއެވެ.

މައްސަލައަށް ތަދައްޚުލުވެފައިވާ ޑިމޮކްރެޓްސްގެ ޤާނޫނީ ވަކީލް ޝާއިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނިންމުން ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށާއި، އެމްޑީޕީން ހުށައަޅާފައިވަނީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިޞާސް ލިބިގެންނުވާ މައްސަލައެއް ކަމަށެވެ. އަދި ޤާނޫނު އާސާސީގެ 88 ވަނަ މާއްދާ އާއި 95 ވަނަ މާއްދާ އިން އެކަން ސާފުކޮށް އެނގޭ ކަމަށް ޝާއިރު ވިދާޅުވިއެވެ.

ހަމައެއާއެކު، މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގައި ކަނޑައަޅާފައިވަނީ ޚާއްސަ އިޖުރާޢަތެއް ކަމަށާއި، ގަވާއިދުގެ 44 ވަނަ މާއްދާގައި އޮންނަނީ އާންމު އިޖުރާއަތެއް ކަމަށް ޑިމޮކްރެޓުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޑިމޮކްރެޓުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ރިޔާސަތުގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ނައިބުރައީސަށް ކަމަށް ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

މައްސަލައަށް ތަދައްޚުލުވެފައިވާ ޕީޕީއެމްގެ ވަކީލް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައި އޮތް ނަމަވެސް ދަޢުލަތުގެ ބަޖެޓް މަޖިލީހަށް ހުށަނޭޅުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް މާޅީ ވަޒީރަށް ލަފާ ނުދެއްވޭނެ ކަމަށެވެ. އަދި ބަޖެޓް ހުށައަޅަންޖެހޭނީ މާލީ ވަޒީރު މަޖިލީހަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަަމަށް އާޒިމާ ވިދާޅުވިއެވެ.

މައްސަލާގައި ޕީޕީއެމް ޕީއެންސީގެ ފަރާތުންވެސް އެދިފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސަށް ކުރިއަށް ނުގެންދެވޭ ހާލަތުގައި 44 ވަނަ މާއްދާގެ ދަށުން އާންމު މެމްބަރަކު ރިޔާސަތު ބަލަަހައްޓަވައިގެން ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ 49 މެންބަރުންގެ ސޮޔާއިއެކު ހުށައެޅި ރައީސް ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް އޮތީ ނައިބު ރައީސް އީވާ ސަލާމުގައި ހުންނެވުމުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސަށް އެކަނިކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައެޅުމާ ގުޅިގެންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ އިއްޔެއެވެ. އަދި މިއަދުވެސް މައްސަލައިގެ އަޑުއެހުން ބާއްވާފައިވެއެވެ. މިއަދުގެ އަޑުއެހުން ނިންމަވާލެއްވިކަން އިއުލާނު ކުރަށްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ވީއެންމެ އަވަހަށް މައްސަލައިގައި ގޮތެއް ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން