ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަށް ނުދިޔަ ހުރިހާ ކެންޑިޑޭޓުން ވެސް މާލީ ބަޔާން ހުށަހަޅުއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން، އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެކަމަށެވެ.

އަދި އެ މާލީ ބަޔާންތަކަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ބުނެފައިވާ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު، ހުށަހަޅާ އޮޑިޓް ރިޕޯޓްތަކަށް ވާންޖެހޭނެކަމަށްވެސް އީސީން މަޢުލޫމާތުދެއެވެ.

އީސީން ބުނީ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުން މިއަދުގެ ނިޔަލަށް މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

މާލީ ބަޔާން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅައިފިނަމަ މިހާރު އޮންނަގޮތުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކެންޑިޑޭޓުން ހުށަހަޅާ އޮޑިޓް ރިޕޯޓުތަކާއި ފައިސާގެ ހުރިހާ މުޢާމަލާތުތަކާއި، ބިލްތަކާއި ބޭންކް ސްޓޭޓްމެންޓްތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކުރުމާއެކު، އެ ރިޕޯޓުތައް ޢާންމުކޮށް ބެލޭނޭ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ މި މަހުގެ 29، ގެ ކުރިންނެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން