ކުރީގެ ރައީސް ޔާމިން އަބުދުލްޤައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް މިއަދު ބާއްވަން ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމުން ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ. އެމައްސަލަ ޔާމިންގެ ފަރާތްޕުޅުން ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ޝިޔާޒް ވިދާޅުވީ އެމައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މިއަދު މެންދުރުފަހު 01:45 އަށް ހައިކޯޓުގައި މިހާރު ތާވަލްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ ވަރަަށް ގިނަ އަޑުއެހުންތަކެއް ހައި ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު އެމައްސަލަ މިހާރު ވަނީ ނިމުމަކާ ގާތްވެފައެެވެ. އެންމެ ފަހުން އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ.



މި މައްސަލާގައި ދެން އޮންނާނީ އެންމެ ފަހުން ދައުލަތުން ދެއްކި ވާހަކަތަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައްދު ދިނުމަށް ފަހު މައްސަލައާމެދު ހުލާސާކޮށް ވާހަކަ ދެއްކުމެވެ. އޭގެ ފަހުން އޮންނާނީ ހުކުމް ކުރުމެވެ.

މި މައްސަލަ ހައިކޯޓުގައި މަޑުޖެހިފައިވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ. މިއީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރެއްވި ފަހުން މި މައްސަލާގައި ބާއްވާ ފުރަތަމަ އަޑުއެހުމެވެ.

ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވުމާއެކު ޖަލު ހުކުމުގައި ހުންނެވި ރައީސް ޔާމިން މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން