ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އިތުރު ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެ ރިޕޯޓަށް ހުށަހެޅި ހުރިހާ ޝަކުވާތަކެއް ބަލައި ނިންމާފައިވާ ކަމަށާއި، މިހާރު ކުރަމުން ގެންދަނީ ދާއިރާތަކުގެ ފައިނަލް ރިޕޯޓު އާންމު ކުރުމަށް ކުރަހަންޖެހޭ ޗާޓުތަކުގެ މަސައްކަތް ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް 65 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އޭގެތެރެއިން 44 ޝަކުވާއަކީ އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާއަށް ހުށަހަޅާފައިވާ ޝަކުވާ އެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ނައިބް ރައީސް އިސްމާޢިލް ޙަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާއާއި ޚިޔާލުތައް އިލެކްޝަންސް ކޮމިޝަނުން ދިރާސާކުރުމަށްފަހު، ވަގުތީ ރިޕޯޓަށް ބައެއް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ވަގުތީ ރިޕޯޓަށް 3 ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

ރިޕޯޓަށް ގެންނަ ބަދަލުތަކުގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ވިލިމާލެ ދާއިރާގައި ރަޖިސްޓަރީ ވެފައިވާ މީހުން ފިޔަވައި އެހެން ހުރިހާ މީހުން، ހުޅުމާލެ މެދު ދާއިރާ އާއި، ހުޅުމާލެ އުތުރު ދާއިރާއަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ދަފްތަރު މީހުން ހިމެނޭ މާލޭ ދާއިރާތައް މާފަންނު، މައްޗަންގޮޅިގެ އާބާދީ ހަމަހަމަކުރުމަށް ޗާޓަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ވަގުތީ ރިޕޯޓަށް ގެންނަ އިތުރު ބަދަލުތަކުގެ ތެރޭގައި، ހައްދުންމަތީ ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާއަށް ބަދަލުކުރުމެވެ. މީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރީގެ 3 ދާއިރާ އަކަށް އާބާދީ ހަމަހަމަކުރުމަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

މިގޮތަށް ބަދަލު ގެނައުމުން ހުވަދުއަތޮޅުގެ ދާއިރާތަކުގެ ތެރެއިން ވިލިނގިލި ދާއިރާގައި ހިމެނޭނީ ވިލިނގިލި އެކަންޏެވެ. އަދި ދާންދޫ ދާއިރާގައި ހިމެނޭނީ ނިލަންދޫ، ދާންދޫ، ކޮނޑޭއެވެ. ގެމަނަފުށި ދާއިރާގައި ހިމެނޭނީ ގެމަނަފުށި، ކަނޑުހުޅުދޫ، ދެއްވަދޫއެވެ. އަދި ކޮލަމާފުށި ދާއިރާގައި ހިމެނޭނީ ކޮލަމާފުށި، މާމެންދޫއެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މަޖިލިސް ބަދަލުކުރުމަށެވެ.

އެގޮތުން މަޖިލިސް 2024 އަށް އިތުރުވި 6 ދާއިރާއަކީ ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާ އާއި ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ) އާއި ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ) އާއި ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، މާމެންދޫ) އާއި ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ) އެވެ. އެ ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނި ކަމަށް އީސީން މަޢުލޫމާތުދެއެވެ.



އަދި ހުޅުމާލެ ދާއިރާގެ ނަން "ހުޅުމާލެ ދެކުނު ދާއިރާ" އަށް، ކ. ގުރައިދޫ ދާއިރާގެ ނަން "މާފުށި ދާއިރާ" އަށް، ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ" އަށް އަދި ފޭދޫ ދާއިރާގެ ނަން "ފޭދޫ ދެކުނު ދާއިރާ" ގެ ނަމަށް ބަދަލުވާނެ ކަމަށް އީސީގެ ވަގުތީ ރިޕޯޓްގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް މިމަހުގެ ތެރޭގައި ޢާންމު ކުުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާޓުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން