ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިނުކުރެވުނަސް ދަޢުލަތުގެ ބަޖެޓުގެ މައްސަލަ މަޖިލީހުގައި ކުރިއަށްދާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ޤަވާއިދު މާނަކޮށްފައިވާގޮތް ރަނގަޅު ނޫންކަމަށް ބުނެ އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމުގައެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިޔަށް ނުދިޔަޔަސް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށްދާން ޖެހޭނެ ކަމަށެވެ. ހަމަ އެއާއެކު އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމާއި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ، އަދި ޤާނޫނުއަސާސީއާއި ޤާނޫނުން ކުރަން ލާޒިމުކުރާ ކަންކަން ކުރިޔަށްދާންޖެހޭނެ ކަމަށް އެ ޙުކުމުގައިވެއެވެ.



ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް ޙާޟިރު ނުވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ދާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ.

“ދުސްތޫރީ އޮނިގަނޑުގައި މަރުތަޅުއެޅުވިގެން ނުވާނެ. ދައުލަތް ހުއްޓުމެއްނެތި ކުރިޔަށްދާންޖެހޭނެ.” ސުޕްރީމް ކޯޓުން އިއްވި ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

މަޖިލީހުގެ ރައީސް ވަކިނުކުރެވުނަސް ދަޢުލަތުގެ ބަޖެޓުގެ މައްސަލަ މަޖިލީހުގައި ކުރިއަށްދާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓު ހުށައެޅުމަށް މާލީ ވަޒީރު މަޖިލީހަށް ޙާޟިރުވެ ވަޑައިނުގަތުމަށް ބަންޑާރަ ނައިބު ވަނީ ލަފާ ދެއްވާފައެވެ. އަދި މިއަދާ ހަމައަށްވެސް ބަޖެޓުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ.

އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ 49 މެންބަރުންގެ ސޮޔާއިއެކު ހުށައެޅި ރައީސް ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލައާއެކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގޮސް މަޖިލީސް އޮތީ މަރުތަޅު އެޅިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ އިއްވި ޙުކުމާއެކު އެހުރިހާ ކަމަކަށް ވަނީ ޙައްލު ލިބިގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ާއަލިފުޅުބެ

10-Nov-2023

މިހާރު ތިއޮތް މަޖިލީހަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބޭކާރު މަޖިލިހެއް. ތިމީހުން ޤާނޫނީ އިމުގެ ތެރެއިން ކޮއްދެންވާ ކަންކަން ނުކޮށްދިނަސް ރައްޔިތުން ބޭނުންވާ ކަމެއް ރައްޔިތުން ކުރާނެ ގޮތް ރައްޔިތުން ހޯދާނެ.



ޓްރެންޑިން