ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްބުނެ އެ ޤަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު، މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށްބުނެ މަޖިލީހަށް ހުށަހަޅާފައިވަނީ ޤަރާރެއްކަމެއް ނުވަތަ ބިލެއްކަމެއް ނުވަތަ ކުއްލި މައްސަލައެއްކަން ސާފު ނުވާކަމަށެވެ. އެގޮތުން މައްސަލާގައި ދީބާޖާއެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ނިޒާމީ މައްސަލައަށްފަހު މެންބަރުންގެ މެދުގައި އެކަމާމެދު ހޫނު ބަހުސެއް ވަނީ ހިނގާފައެވެ.

އޭގެ ފަހުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ޤަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމަށް ފަހުއެވެ.

"މެދު ހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ މައްސަަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މިއޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފައި. އެހެންވީމާ އަލުން މި މައްސަލަ ހުށަހަޅުއްވަން، މި މައްސަލަ މިހާރު ނިމުނީ،" އަފީފު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވަމުން ގެންދެވީ، ރައީސް ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަަމަށެވެ.

ނަމަވެސް މަޖިލީހުގެ ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ ޤަރާރު އޮތީ ޤަވާއިދާ ޚިލާފަށްކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފައެވެ.

މީގެ ކުރިން ވެސް އެމްޑީޕީން އެކި ފަހަރު މަތިން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް އެކަން ކުރެވޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް މިއަދުގެ ޖަލްސާއަށް ގަރާރު އެޖެންޑާކުރީ، މި މައްސަލައާ ގުޅިގެން އުފެދުނު ދުސްތޫރީ ސުވާލުތަކަށް ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅައި އިއްވި ހުކުމަށް ފަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން