ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް އެމްޑީޕީން ހުށައެޅި ޤަރާރު މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިއަށް ގެންދެވޭނެކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު، މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށްބުނެ މަޖިލީހަށް ހުށަހަޅާފައިވަނީ ޤަރާރެއްކަމެއް ނުވަތަ ބިލެއްކަމެއް ނުވަތަ ކުއްލި މައްސަލައެއްކަން ސާފު ނުވާކަމަށެވެ. އެގޮތުން މައްސަލާގައި ދީބާޖާއެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

އެ މައްސަލާގައި ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބަންޑާރަނާއިބު ކަމަށް ޢައްޔަނު ކުރަށްވާނެ ކަމަށް ބެލެވޭ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ޤަރާރާއި މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނާ ޤަރާރަކީ މުޅިން ތަފާތު ދެ ބާވަތުގެ ދެ ޤަރާރެއް ކަމަށެވެ.

"މިހާރު ހުށަހަޅާފައިވާ ޤަރާރު މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާއަކީ މެންބަރުން ކަމެއްގައި ދެކޭ ގޮތެއް ގަރާރެއްގެ ސިފައިގައި ހުށައެޅުން ކަމަށާއި، އެކަމަށް ޤަވާއިދުގައި އޮންނަ އިޖުރާއަތަކީ ބިލެއް ހުށަހެޅުމުން އޮންނަ އިޖުރާއަތު ކަމަށެވެ.

"ގާނޫނޫ އަސާސީގެ 82 ވަނަ މާއްދާގައި އެ ބުނާ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ގަރާރަކީ މުޅިން ތަފާތު އިޖުރާއަތްތަކެއްގެ ތެރެއިން ހިނގާނެ ޤަރާރެއް" އުޝާމް ވިދާޅުވިއެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްބުނެ އެ ޤަރާރު މިއަދުވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް އެމްޑީޕީން ހުށައެޅި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފަސް ފަނޑިޔާރުން އިއްތިފާގުވެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރުތަކަށްވެސް ހިނގާނެ ކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ.

ނަމަވެސް މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ ގަރާރާ މެދު ގޮތެއް ނުނިންމި އޮތަސް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށްދާން ޖެހޭނެ ކަމަށާއި، އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމާއި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އާއި، ޤާނޫނުއަސާސީއާއި ޤާނޫނުން ކުރަން ލާޒިމުކުރާ ކަންކަން ކުރިޔަށްދާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން