ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފުގެ އިމްތިޔާޒުގެ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް އެމްޑީޕީން ހުށަހަޅައިފިއެވެ.

އެމްޑީޕީން އަފީފުގެ އިންތިޔާޒާބެހޭ މައްސަލައެއް އިމްތިޔާޒް ކޮމިޓީއަށް ހުށައަޅާފައިވާއިރު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްބުނެ އެ ޤަރާރުގެ މަސައްކަތް ނިމިފައިވާކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަފީފު މިއަދުވަނީ ވިދާޅުވެފައެވެ.

އަފީފް އެގޮތަށް ނިންމެވުމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ ޤަރާރަކީ މަޖިލީހުގެ އިދާރީ ހުރިހާ މަރުހަލާއެއް ނިންމައި، ޤަވާއިދަށް ފެތޭގޮތަށް އެޖެންޑާ ކޮށްފައިވާ ގަރާރެއް ކަމަށެވެ. އެހެންކަމުން ރިޔާސަތަށް އެމައްސަލަ ބޭރުކޮށްލުމުގެ ބާރު ނުލިބޭނެ ކަމަށާއި އެއީ ގަވާއިދާ ހިލާފު ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ.

"އަފީފްގެ އެ ނިންމުމަކީ މަޖިލިސް ގަވާއިދާ ހިލާފަށް ނިންމި ހުދުމުހުތާރު ނިންމުމެއް. އަފީފާ ގުޅޭ އިމްތިޔާޒީ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ވާނީ ހުށަހަޅާފައި." އަސްލަމް ވިދާޅުވިއެވެ.

މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާ ފެށުމާއެކު، މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށްބުނެ މަޖިލީހަށް ހުށަހަޅާފައިވަނީ ޤަރާރެއްކަމެއް ނުވަތަ ބިލެއްކަމެއް ނުވަތަ ކުއްލި މައްސަލައެއްކަން ސާފު ނުވާކަމަށެވެ. އެގޮތުން މައްސަލާގައި ދީބާޖާއެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

އޭގެ ފަހުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ޤަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން