ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހެނދުނުގެ ޖަލްސާގައި މަޖިލީހުން ބޭރުކޮށްފައިވާތީ، އީވާ ރިޔާސަތު ބެލެހެއްޓެވި ދެވަނަ ޖަލްސާވެސް ކުރިއަށް ނުގެންގޮސް ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް އެމްޑީޕީން ހުށައެޅި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފަސް ފަނޑިޔާރުން އިއްތިފާގުވެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރުތަކަށްވެސް ހިނގާނެ ކަމަށެވެ.

އެހެންކަމުން މިއަދު 9:00 ގައި ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ. އަފީފް ވަނީ އެމްޑީޕީން ހުށައެޅި ޤަރާރު ޤަވާއިދާ ޚިލާފުކަމަށް ކަނޑައަޅައި ޤަރާރުގެ މަސައްކަތް ނިމިފައިވާކަން އިޢުލާނު ކުރަށްވާފައެވެ. އަފީފް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި ނިންމުމުންވެސް ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށާއި، ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ދެމިގެންދާ ގޮތަށް ގަވައިދުގެ އެހެން މާއްދާތަކާވެސް ގުޅިގެންދާ ގޮތަށް ކަމަށެވެ.

އަފީފު ޖަލްސާ ނިންމަވާލެއްވުމުން މިއަދު 11:30 ގައި މަޖިލީހުގައި ތާވަލުކުރި ޖަލްސާއަށްވެސް މަޖިލީހުގެ އިދާރާއިން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ތާވަލު ކޮށްފައެވެ. އެހެންކަމުން އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހެނދުނުގެ ޖަލްސާގައި މަޖިލީހުން ބޭރުކޮށްފައިވާތީ އެއީ މިހާރު ނިމިފައިވާ މައްސަލައެއް ކަމަށެވެ.

"މި ގަރާރަކީ މަޖިލީހުގެ ރިޔާސަތުން ގޮތެއް ނިންމާ، ނިޒާމީ ނުކުތާއަކަށް ގޮތެއް ނިންމާ ބޭރުކުރައްވާފައިވާ ޖަލްސާއަކަށްވާތީވެ މި ޖަލްސާއަކީ އިތުރަށް ކުރިއަށްގެންދެވޭނޭ ޖަލްސާއެ ކަމަކަށް އަޅުގަނޑު ނުދެކެން." އީވާ މިއަދު ވިދާޅުވިއެވެ.

އީވާގެ މިނިންމެވުމާ ގުޅިގެން މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވަނީ އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެމްޑީޕީން މިހާރު ވަނީ ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވުމުގައި އަފީފް ޢަމަލުކުރަށްވާފައިވާ ގޮތް ގޯސްކަމަށް ބުނެ، އަފީފްގެ އިމްތިޔާޒްގެ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށްވެސް ހުށައަޅާފައެވެ.

މަޖިލީސް ހުއްޓިފައި އޮތުމުން އެކަމުގެ ޙައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅުމުން އެކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ، މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ ގަރާރާ މެދު ގޮތެއް ނުނިންމި އޮތަސް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށްދާން ޖެހޭނެ ކަމަށާއި، އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމާއި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އާއި، ޤާނޫނުއަސާސީއާއި ޤާނޫނުން ކުރަން ލާޒިމުކުރާ ކަންކަން ކުރިޔަށްދާންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން