ވޯޓަށް ނުފިއްލެވުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ފައްޔާޒު މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްބުނެ އެ ޤަރާރުގެ މަސައްކަތް ނިމިފައިވާކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު މިއަދުވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މި ސަރުކާރުގެ ވިޔަފާރިއާބެހޭ ވަޒީރު ފައްޔާޒު ވިދާޅުވީ، މެންބަރު އަފީފު މިއަދު ހިންގަވާފައިވަނީ، 18 ވަނަ މަޖިލީހުގެ ރިޔާސަތުގައި އަބްދުالله މަސީހު އިންނެވިއިރު ހިންގާފައިވާ އަނިޔާވެރި އަމަލުތަކަށް ވުރެ ގޯސް ޢަމަލެއް ކަމަށެވެ. ހަމައެއާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ހުއްޓުވުމަކީ ފިނޑި އަމަލެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި މިއަދަކީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ލަދުވެތި، ކަޅު ދުވަހެއް ކަމަށާއި، އިތުބާރު ނެތްކަމުގެ ވޯޓަށް ކުރިމަތިލެއްވުމަށް ފައްޔާޒު ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.



މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު މީގެ ކުރިން އެތައް ފަހަރަކު އެޖެންޑާ ކުރި ނަމަވެސް އެ ޖަލްސާތައް ނުބޭއްވުނީ އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވޭނީ ހަމައެކަނި މަޖިލީހުގެ ނައިބުރައީސް އީވާއަށް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމުމުންނެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ މަޖިލީހުގެ ނައިބުރައީސަށް ހާޒިރުވެވަޑައި ނުގެންނެވިއްޖެނަމަ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުންނަށްވެސް މިފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނެ ކަމަށެވެ. އެގޮތުން މިއަދު 9:00 ގައި ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރަގެ މެންބަރު ޙަސަން އަފީފެވެ.

ނަމަވެސް މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ޤަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން