ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފުގެ ރިޔާސަތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން އެނގިވަޑައިގެންފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭނާ މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްބުނެ އެ ޤަރާރުގެ މަސައްކަތް ނިމިފައިވާކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު މިއަދުވަނީ ވިދާޅުވެފައެވެ.

އެމައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރޮޒޭނާ ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި އަފީފް އިންނަވައިގެން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން އެނގިވަޑައިގެންފި ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުން އަފީފް ދުރަށް ޖެހިވަޑައިގަތުމަށް އޭނާ އެދިވަޑައިގަތެވެ.

"ކޮން ކަމަކާތޯ މައްސަލަ ހުއްޓުވަން ތިމަސައްކަތް ކުރައްވަނީ؟ 17 މެންބަރުން ވިޔަސް ވޯޓު ލާންވާނެ ނޫންތޯ؟" ރޮޒޭނާ ވިދާޅުވިއެވެ.

މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާ ފެށުމާއެކު، މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށްބުނެ މަޖިލީހަށް ހުށަހަޅާފައިވަނީ ޤަރާރެއްކަމެއް ނުވަތަ ބިލެއްކަމެއް ނުވަތަ ކުއްލި މައްސަލައެއްކަން ސާފު ނުވާކަމަށެވެ. އެގޮތުން މައްސަލާގައި ދީބާޖާއެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

އޭގެ ފަހުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ޤަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން