ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފަކީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަސްލަހަތު އޮތް ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

އަފީފަކީ ރައީސް ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށްފަހު ޢާއްމުކޮށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީވެސް ޙަސަން އަފީފެވެ.

އެކަމާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު މަޖިލީހުގެ ތަޅުމުގައި ވިދާޅުވީ، އަފީފަކީ އެމްޑީޕީން ހުށައަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަސްލަހަތު އޮތް ބޭފުޅެއް ކަމަށެވެ. އަފީފު ރިޔާސަތުގައި އިންނަވައިގެން އެ މައްސަލަ ކުރިއަށް ނުގެންދެވުމަށް މަސައްކަތްކުރައްވަނީ އެހެންވެ ކަމަށް ޝަރީފް މިއަދުވަނީ ތަކުރާރުކޮށް ތުހުމަތުކުރަށްވާފައެވެ.

ޝަރީފަށް ރައްދު ދެއްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަފީފް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި ކޮންމެ މެންބަރެއްގެ ވެސް މަސްލަހަތު އެބައޮތް ކަމަށެވެ. އޭގެ އިތުރުން، އަފީފް މިއަދު ވިދާޅުވީ ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވަނީ ގަރާރެއް ކަމަށެވެ. އަދި އެ މައްސަލައަކީ ރިޔާސަތުން އެޖެންޑާ ކޮށްފައިވާ މައްސަލައެއް ނޫން ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

އެއާއެކު އެމްޑީޕީގެ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، ޑިމޮކްރެޓްސްއަށް ނިސްބަތްވާ އަފީފަކީ ރައީސް ނަޝީދުގެ މައްސަލަ ބެލުމަށް ރިޔާސަތުގައި އިންނަވަން އެންމެ އެކަށީގެންވާ ބޭފުޅާ ނޫންކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ މެންބަރުންގެ ހިތްހަމަނުޖެހުންތަކުގެ ތެރެއިން އަފީފް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށެވެ. އަދި އެ ޤަރާރުގެ މަސައްކަތް ނިމިފައިވާކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަފީފު މިއަދުވަނީ އިޢުލާނު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން