ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށްދިން ދުސްތޫރީ ލަފާގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލު އިސްވާނެކަމަށް ކަނޑައަޅާފައިވާކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒް މިމޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްބުނެ އެ ޤަރާރު މަޖިލީހުން މިއަދު ބޭރުކޮށްލުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މުހުތާޒް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމުން މަޖިލީހުގެ ބައެއް މެންބަރުންނަށް ފެނިފައިވަނީ "އެއްރޮއްޖަކުން ފަހާ ވާހަކަ" ކަމަށެވެ. ނަމަވެސް ހަމަ އެހުކުމުގައި ގާނޫނު އަސާސީގައި ވަކިކަމެއްކުރުމަށް އުސޫލު ކަނޑައެޅިފައިވާ ހާލަތުގައި އިސްވާނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލުކަމަށް އޮތްއޮތުން މަޖިލީހުގެ މެމްބަރުންނަށް ނުފެނުމަކީ ދެރަވަރުކަމެއް ކަމަށް މުހުތާޒު ވިދާޅުވިއެވެ.

މުހުތާޒު ވިދާޅުވީ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގަ ބުނާ ގަރާރާއި މަޖިލިސް ގަވާއިދުގައި ބުނާ ގަރާރަކީ އެކައްޗެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

"އެއީ އެކައްޗެއް ކަމަށްބަލާ އެދެމެދަށް ދީބާޖާއެއްވައްދާ މަޖިލީހުގެ މަސައްކަތް ހުއްޓުވާލުމަކީ ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް ވަކާލާތުކުރާ ބަޔަކު ކުރާ ޒާތުގެ ކަމެއްނޫން." މުހުތާޒް ވިދާޅުވިއެވެ.



މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު، މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށްބުނެ މަޖިލީހަށް ހުށަހަޅާފައިވަނީ ޤަރާރެއްކަމެއް ނުވަތަ ބިލެއްކަމެއް ނުވަތަ ކުއްލި މައްސަލައެއްކަން ސާފު ނުވާކަމަށެވެ. އެގޮތުން މައްސަލާގައި ދީބާޖާއެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އަފީފް މިއަދު ވިދާޅުވީ ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވަނީ ގަރާރެއް ކަމަށެވެ. އަދި އެ މައްސަލައަކީ ރިޔާސަތުން އެޖެންޑާ ކޮށްފައިވާ މައްސަލައެއް ނޫން ކަމަށް ވެސް އަފީފް ވިދާޅުވިއެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުންވެސް ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށާއި، ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ދެމިގެންދާ ގޮތަށް ގަވައިދުގެ އެހެން މާއްދާތަކާވެސް ގުޅިގެންދާ ގޮތަށް ކަމަށް އަފީފް ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ޤަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމަށް ފަހުއެވެ.

މީގެ ކުރިން ވެސް އެމްޑީޕީން އެކި ފަހަރު މަތިން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް އެކަން ކުރެވޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް މިއަދުގެ ޖަލްސާއަށް ގަރާރު އެޖެންޑާކުރީ، މި މައްސަލައާ ގުޅިގެން އުފެދުނު ދުސްތޫރީ ސުވާލުތަކަށް ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅައި އިއްވި ހުކުމަށް ފަހު އެވެ.


ކިޔުންތެރިންގެ ހިޔާލު


3

ާއަލީ

14-Nov-2023

އަލީ އާޒިމަކީ އެއްވެސް އެއްޗެއް ކިޔެވި މީހެއްތަ


-1

ޒަވިޔަނި

12-Nov-2023

ގާނޫނު އަސާސީއައްވުރެވެސްގަދަމީހެއް ނަސީދު އެއީ ދެންބުނާނީ ތިމަންނަޔޯ މިގިއުމުގެ ރައީސަކީ ބަލާތިބޭ ނުލަފާކަން ދަޢކާލަނީއެ.



ޓްރެންޑިން