ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އާއި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ސުޕްރީމް ކޯޓުގެ އަމުރާއި ދެކޮޅަށް ގަދަބާރު ދައްކަވާފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިމޭރުމުން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާއާއި، ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

އީވާ އާއި އަފީފް މިއަދު ޢަމަލު ކުރަށްވާފައިވާގޮތް ކުށްވެރިކުރަށްވައި އަސްލަމް ވިދާޅުވީ، އެ ދެބޭފުޅުން ވަނީ މަޖިލީހުގެ ޤަވާއިދާއި ޤާނޫނު އަސާސީ މުގުރާލައްވާފައި ކަމަށެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ޙުކުމަށްވެސް އިޙްތިރާމް ކުރެއްވުމެއްނެތި އެ ކޯޓުގެ ނިންމުމުގެ ކުރިމަތީގައިވެސް ގަދަބަސް ވިދާޅުވެފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން މިއަދު ޢަމަލު ކުރެއްވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ދެއްވާފައިވާ ލަފައާއި މުޅިން ހިލާފަށް ކަމަށެވެ.

"މަޖިލީހުގައި އެޖެންޑާ ކުރެވިގެން ބަލަމުންދާ މައްސަލައެއް ބޭރު ކުރެވޭނީ މަޖިލީހުގައި ވޯޓެއް ނަގައި، އަޣުލަބިއްޔަތުން ފާސްކޮށްގެން." އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ މަޖިލީހުން ބޭރުވެފައިވާ މައްސަލައެއްކަމަށް ނުބެލެވޭނެކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ފެނިގެންމިދަނީ މަސްލަހަތު ފުށުއަރާ މައްސަލައެއްގައި ވަކި އަތަކަށް ބުރަވެ، ރިޔާސަތު ބަލަހައްޓަވާ ބޭފުޅުން ޢަމަލު ކުރަށްވާތަން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، އީވާ އާއި އަފީފު މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށާއި، އަދި އެބޭފުޅުންނަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހިންގާ ޖަލްސާގެ ރިޔާސަތު ހަވާލުނުކުރަން ލަފާ އެރުވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާއާއި، ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފާސްކޮށްފައި ވާއިރު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްބުނެ އެ ޤަރާރުގެ މަސައްކަތް ނިމިފައިވާކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަފީފު މިއަދުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން