ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރާ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުގައި ޑިމޮކްރެޓްސްގެ މެމްބަރުންނަށް ނުތިބެވޭނެކަމަށް ކަނޑައަޅައި، މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން މަޖިލީހުގެ އާއްމު ކޮމިޓީއަށް މިއަދު ލަފާދީފިއެވެ.

އިމްތިޔާޒް ކޮމިޓީން އެގޮތަށް ލަފާދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާއާއި، ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

އެދެބޭފުޅުން މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނެ އިމްތިޔާޒު ކޮމިޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، ދަ ޑިމޮކްރެޓްސްގެ މެމްބަރުން ރިޔާސަތުގައި ނުބޭތިއްބުމަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ. އިކްރާމް އެގޮތަށް ހުށައެޅުއްވީ ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމުގައި ޑިމޮކްރެޓްސްގެ މެންބަރުންގެ މަސްލަޙަތު އޮތުމުންނެވެ. އިކްރާމްގެ ހުށައެޅުމަށް ތާއީދު ކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ.

އިމްތިޔާޒް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އިކްރާމްގެ ހުށައެޅުއްވުން ފާސްކޮށް މަޖިލީހުގެ އާންމު ކޮމިޓީއަށް އެކަން ވަނީ ފޮނުވާފަ އެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްއަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުގައި އެދައުރު އަދާކުރައްވަން ފަސް މެމްބަރުން ހަމަޖައްސާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ބޭފުޅަކީ ހަސަން އަފީފެވެ.

މިއަދު ހެނދުނު ބޭއްވި ޖަލްސާ އަފީފް ނިންމަވާލެއްވީ، ރައީސް މުޙައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައިގައި ގަރާރެއްގެ ސިފަތައް ފުރިހަމަ ނުވާ ކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ނެގި ނިޒާމީ ނުކުތާ ބައްލަވައިގަތުމަށް ފަހުގައެވެ. އަފީފް އެންގެވީ އެމްޑީޕީން މައްސަލަ އަލުން ހުށަހެޅުމަށެވެ. އޭގެ ފަހުން މަޖިލިސް އިދާރާއިން މިއަދު މެންދުރަށް މައްސަލަ އެޖެންޑާ ކުރެއްވުމުން ރިޔާސަތުގައި އިންނެވީ ނައިބު ރައީސް އީވާއެވެ. އެކަމަނާ ވިދާޅުވީ ރިޔާސަތުން އެއްފަހަރު މައްސަލަ ބޭރުކޮށްލާފައިވާ ކަމަށާއި އެހެންވެ، ދެން މައްސަލަ ކުރިއަށް ނުގެންދަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިމްތިޔާޒް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ އަފީފާއި އީވާ މަޖިލިސް މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޖާނޭ

12-Nov-2023

ފެންނުވަރާ ގުއިވާއާއި ލޯހުދު ލާދީނީ އަފީފު ވެސް ރިޔާސަތުން ތާއަބަދަށް ދުރުކުރޭ



ޓްރެންޑިން