ބަޖެޓް ހުށައެޅުމަށް ތާވަލުކުރި މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން މެދުކަނޑާލައިފިއެވެ.

މިއަދުގެ ޖަލްސާއަށް ދަޢުލަތުގެ ބަޖެޓު ހުށަހެޅުމަށް ތާވަލުކޮށްފައި އޮތްނަމަވެސް، މާލީ ވަޒީރު އިބްރާހީމް އަމީރު ވަނީ ސިއްހީ ހާލު ހުރިގޮތުން ބަޖެޓު ހުށައަޅަން ވަޑައިނުގެންނެވޭނެކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ.

ހެނދުނު 9:00 ގައި ފެށި މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބުރައީސް އީވާ ވިދާޅުވީ، ޖަލްސާ ފެށިފައިނުވަނީ، މެންބަރުން ތަޅުމަށް ވަޑައިނުގަންނަވާ، މަޖިލީހުގެ ގޯތިތެރޭގައި ތިއްބެވުމުން ކަމަށެވެ. އެހެންކަމުން ކޯރަމް ހަމަކޮށް، އަލުން ޖަލްސާ ފެށޭތޯ މަސައްކަތްކުރަށްވާނެ ކަމަށް ވިދާޅުވެ އީވާ ވަނީ ޖަލްސާ މެދުކަނޑުއްވާ ލައްވާފައެވެ.

އީވާ ވިދާޅުވީ ބަޖެޓް ފާސްކުރުމަކީ މުޅި ގައުމުގެ ހުރިހާ ކަމަކާ ގުޅުން ހުރި ކަމެއް ކަމަށާއި، އެއީ މުޅި މަޖިލީހުގެ މައްޗަށް ލާޒިމް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން އެޖަލްސާ ފެށޭތޯ މަސައްކަތް ކުރަށްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.



ބަޖެޓް ހުށައެޅުމުގެ ޖަލްސާގެ ކޯރަމް ހަމަވެފައި ނުވާއިރު، ދަޢުލަތުގެ ބަޖެޓް ހުށައެޅުމަށް ޖަލްސާއެއް ތާވަލު ކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ މަޖިލީހުގެ އިދާރާއަށް ސިޓީފުޅެއްވެސް ފޮނުއްވާފައެވެ.

ރައީސް ނަޝީދު އެފަދަ ސިޓީފުޅެއް މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވާއިރު، މަޖިލީސް ހުއްޓިފައި އޮތުމުން އެކަމުގެ ޙައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅުމުން އެކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ، މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ ގަރާރާ މެދު ގޮތެއް ނުނިންމި އޮތަސް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށްދާން ޖެހޭނެ ކަމަށާއި، އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމާއި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އާއި، ޤާނޫނުއަސާސީއާއި ޤާނޫނުން ކުރަން ލާޒިމުކުރާ ކަންކަން ކުރިޔަށްދާންޖެހޭނެ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މިއަދު ހެނދުނު 11 ޖަހާއިރު ބާއްވާ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އެޖެންޑާކޮށްފަ އެވެ. ހަމައެއާއެކު، ނައިބުރައީސް އީވާގެ އިތުބާރުނެތްކަމަށް ހުށަހެޅުމަށް އެމްޑީޕީން މިހާރުވަނީ ސޮއި ހަމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން