ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ މަގާމުން ވަކިކުރަން ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފިއެވެ.

އީވާ މަޤާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް ފާސްކުރީ ދެންމެ ބޭއްވި އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެމްޑީޕީން އީވާގެ އިތުބާރުނެތްކަމަށް ހުށަހެޅުމަށް ސޮއި ހަމަކޮށްފައިވަނީ އިއްޔެއެވެ.

މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެމްޑީޕީން މަސަައްކަތް ފަށާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި އީވާ އިންނަވައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވި ނިންމެވުމާއި ގުޅިގެންނެވެެ.

އިއްޔެ 11:30 ގައި ބޭއްވި ޖަލްސާގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަަށްފަހު އީވާ ވިދާޅުވީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރަކީ އިއްޔެ ހެނދުނު 09:00 ގައި ބޭއްވި ޖަލްސާގައި، ރިޔާސަތުން އެ ޖަލްސާ އެހިސާބުން ނިމުނީ ކަމަށް ނިންމަވައި ބޭރުކޮށްފައިވާ ގަރާރެއް ކަމަށެވެ. އެހެންކަމުން އެގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް އީވާ ވިދާޅުވިއެެވެ.

އެމައްސަލައާއި ގުޅިގެން އީވާ އާއި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރަައިގެން ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު