ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް އަދި ނައިބު މުޤައްރިރުކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިޚާބުކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓަރީ ބަޖެޓު މަޖިލީހަށް މިއަދު ހުށައަޅާފައި ވާއިރު، މިއަދު ވަނީ ވަނީ ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ބަޖެޓު ކޮމިޓީ އަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިޤްތިޞާދީ ކޮމިޓީ އެކުލެވޭ ޖޮއިންޓް ކޮމިޓީއެކެވެ. ނާޝިޒަކީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރެވެ. އަދި ބިގޭއަކީ ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދު ކޮމިޓީގެ މުޤައްރިރެވެ.

ވޭތުވެދިޔަ 4 އަހަރުވެސް ބަޖެޓު ކޮމިޓީގެ މުގައްރިރުކަމާއި ނާއިބު މުގައްރިރުކަން ކުރައްވަނީ ނާޝިޒްއާއި މުޙައްމަދު ރަޝީދެވެ.

ބަޖެޓު ކޮމިޓީގައި މިއަދު މެންބަރުންވަނީ، ކަމާގުޅޭ އިދާރާތަކުން ބަޖެޓާމެދު ދެކޭގޮތް އޮޅުންފިލުވުމަށާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޖެޓާމެދު ދެކޭގޮތެއް އޮޅުންފިލުވުމުގެ މުހިންމުކަމުގެ މައްޗަށް ބަހުސް ކުރަށްވާފައެވެ. ނަމަވެސް ކޮމިޓީގެ މުޤައްރިރު މިއަދުގެ ކޮމިޓީ މަސައްކަތް ނިންމަވާލެއްވީ އެކަންކަމަށް ވަކި ގޮތެއް ކަނޑައެޅުއްވުމެއް ނެތިއެވެ.

މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގޭ ތެރެއިން ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 300 މިލިއަނެއްހާ ރުފިޔާއެވެ. ބާކީ ހުރި ބަޔަކީ ދަރަންޏަށް ފައިސާ ނަގައިގެން ހޯދާ ފައިސާއެވެ.

އަދި މިއަދުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށައަޅާފައިވަނީ 49.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 34 ބިލިއަން ރުފިޔާއެވެ. މިނިސްޓަރ އަމީރު ވިދާޅުވީ އެ ބަޖެޓަކީ 13 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން