ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ދަޢުލަތުގެ ސަޕްލިމަންޓަރީ ބަޖެޓުގައި ހިމެނޭ 6.5 ބިލިއަން ރުފިޔާ މިހާރު ޚަރަދުކޮށް ނިންމާފައިވާ ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަޕްލިމަންޓަރީ ބަޖެޓަށް ބަހުސް ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓަކީ ސަރުކާރާ ގުޅުންއޮތް މެންބަރުންގެ މަސްލަހަތު ހިމެނޭ ވިޔަފާރިތަކަށް ފައިސާ ދިނުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ. ހަމައެއާއެކު އެ ފައިސާ ޚަރަދުކޮށް ނިންމާފައިވާ ކަމަށްވެސް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައިވާ ފައިސާ އަވަހަށް ހޯއްދެވުމަށް މާލީ ވަޒީރު މަސައްކަތް ކުރަށްވަނީ ޤާނޫނާ ޚިލާފަށް ކުރަށްވާފައިވާ އެޢަމަލު މިދައުރު ނިމުމުގެ ކުރިން ފޫބެއްދެވުމުގެ ބޭނުމުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިމަޖިލީހުން ހުއްދަނުދެނީސް މާލީ ވަޒީރު މިހާރުވަނީ 6.5 ބިލިއަން ރުފިޔާ ހަގީގަތުގައި ޤާނޫނާ ޚިލާފަށް މިހާރު ޚަރަދުކޮށް ނިންމަވާފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ކޮންޓްރޯލު ރައީސުލްޖުމްހޫރިއްޔާ ނަންގަވާފައިވަނީ އެބޭފުޅުންނަށް ތަފާތު ބާވަތުގެ ކޮންޓްރެކްޓުތައް ދެއްވައިގެން ކަމަށެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން މިއަދު ނިންމަވާފައިވަނީ ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް މާދަމާ ފަށައި، ބަޖެޓު ދިރާސާ ކުރުމަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ބަޖެޓު ފާސްކޮށް ނިންމުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން