ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ ގަވާއިދެއް ހައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސަކީ ވަކިފަރާތަކަށް ނުޖެހި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އިސްވެރިޔާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ނިޒާމު ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ގާނޫނު އަސާސީގައި ބަޔާންކުރާފަދަ މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ ގަވާއިދެއް އެކުލަވާލައި އެ ޤަވާއިދު ފާސްކުރެވޭތޯ މަސައްކަތްކުރަށްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ހ، 2 ގައި ބަޔާންކުރޭ މަޖިލީހުގެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ގަވާއިދެއް އެކުލަވާލުމަށް. މީގެ ކުރީގެ މަޖިލިސްތަކުގައި އެކަމަށް މަސައްކަތްތަކެއް ވަނީ ކުރެވިފަ، އެހެން ނަމަވެސް މި 19 ވަނަ މަޖިލީހުގައި އެކަމަށް މަސައްކަތްތަކެއް ކުރެވިފައިނުވޭ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދާއި، މަޖިލީހުގެ ހުރުމަތާއި، ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މަޖިލީހަކީ އަބަދު ސިޔާސީ ކަންތައްތަކެއްކުރާ ތަނެއްކަމަށް ބައެއް މެންބަރުން ދެކިވަޑައިގެންނެވިޔަސް އެއީ އެކަން އޮތްގޮތް ނޫން ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މަޖިލީހަށް ހާޒިރުކުރެވޭ ބޭފުޅުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ މަޖިލީހުން ކުރަންޖެހޭ ކަމަށްވާތީ އެފަރާތްތަކުގެ ސަލާމަތީ ކަންކަން މަޖިލީހުން ފޯރުކޮށްދިނުމަށް އަސްލަމް ވަނީ މަޖިލީހުގެ އިދާރާއަށް އަންގަވާފަ އެވެ.

މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު އެމަޤާމުން އިސްތިއުފާ ދެއްވުމަ ގުޅިގެން، އަސްލަމް މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބު ކުރަށްވާފައިވަނީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން މިދިޔަ ހޯމަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން