ސަރުކާރުން މިއަހަރުގެ ބާކީއޮތް ދުވަސްތަކުގެ ޚަރަދަށް ބޭނުންވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން މިއަދުގެ މަޖިލީހުގައި ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅިއިރު ސަރުކާރުން ކުރިން ހަރަދުކޮށްފައިވާ ފައިސާ އެބަޖެޓުގައި ހިމަނާފައި އޮތް އޮތުން ފާހަގަ ކުރަށްވަމުންނެވެ. އެގޮތުން އެއީ ޤަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީގެ 96 މާއްދާގައި ދަޢުލަތުން އެންމެ ލާރިއެއްވެސް ހަރަދުކުރަންވާނީ މަޖިލީހުން ފާސްކުރާ ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަހަރަށް ފާސްކުރި ބަޖެޓު ސަރުކާރުން ވަނީ އެއްކޮށް ހުސްކޮށްލާފައި ކަމަށާއި އެހެންކަމުން އެއީ ނާޖާއިޒް ގޮތުގައި ޚަރަދު ކޮށްފައިވާ ފައިސާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ވައްކަމުގެ ރަސީދެއް، ވަރަށް މަދުން ވައްކަމުގެ ރަސީދެއް އަޅުގަނޑުމެންނަށް ލިބޭނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައިވެސް ރައީސް ނަޝީދު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓުގައިވާ ފައިސާ އަވަހަށް ހޯއްދެވުމަށް މާލީ ވަޒީރު މަސައްކަތް ކުރަށްވަނީ ޤާނޫނާ ޚިލާފަށް ކުރަށްވާފައިވާ ޚަރަދުތައް މިދައުރު ނިމުމުގެ ކުރިން ހަމަޖެއްސެވުމުގެ ބޭނުމުގައި ކަމަށެވެ.

މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގޭ ތެރެއިން ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 300 މިލިއަނެއްހާ ރުފިޔާއެވެ. ބާކީ ހުރި ބަޔަކީ ދަރަންޏަށް ފައިސާ ނަގައިގެން ހޯދާ ފައިސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން