އިންތިޚާބީ ރައީސް ހުވާ ކުރައްވާ ދުވަހު އިސްލާމީ މަރުކަޒުގެ ނަމާދު ކުރާ ތަން ބަންދު ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖުމްހޫރީ މައިދާނުގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައި، އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިނުގަންނަވާކަމަށް އިސްލާމިކް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި، ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ޢަޞުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތު، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ޚާއްސަ ފަރާތެއް ނުވަތަ ދޮރޯށްޓެއް ހަމަޖެއްސި ނަމަވެސް، ނަމާދުކުރުމަށް މިސްކިތުގައި ޢާއްމު އުޞޫލުން ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދުނުވާނެ ފަދަޔަކުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، އިންތިޒާމުތައް ހަމަޖެހިފައިވާނީވެސް މި ފަދައިންނެވެ. ހުކުރު ދުވަހުގެ ޢަޞްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް (އަދި އެއްވެސް ނަމާދު ވަގުތެއްގައި) މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، ބަންދުނުވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން