މަޖިލީހަށް ހުށައަޅާ ކޮންމެކަމެއް ސިޔާސީ ކުރުމުގެ ދެރަ ލިބޭނީ ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެންބަރު ސައްލެ މިމޭރުމުން މިއަދުގެ މަޖިލީހުގައި ވިދާޅުވީ، މަޖިލީހަށް ހުށައަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސްގައި ބައެއް މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ސައްލެ ވިދާޅުވީ ސަރުކާރަކީ ނިމޭ އެއްޗެއް ނޫން ކަމަށާއި އެއީ ބަދަލުވާ އެއްޗެއް ކަމަށެވެ. އަދި ދަޢުލަތް ދެމި އޮތްހާ ހިނދަކު ސަރުކާރު ހުއްޓުމެއްނެތި ހިނގަމުން ދާނެ ކަމަށް ސައްލެ ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ ކޮންމެ ކަމެއް ސިޔާސީ ކުރުމުން އެކަމުގެ ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށާއި ފަހަރުގައި އެލިބޭ ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ ކަމަކަށްވެސް ވެގެން ހިނގައިދާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ޤަބޫލު ނުކުރެވޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"ސަރުކާރަކީ ބަދަލުވާ އެއްޗެއް، މެނޭޖްމަންޓް ޓީމް ބަދަލުވެދާނެ. ސަރުކާރަކީ ދެމިގެންދާ އެއްޗެއް، ޤައުމަކީ ދެމިގެންދާ އެއްޗެއް." މިއަދުގެ ޖަލްސާގައި ސައްލެ ވިދާޅުވިއެވެ.

ސައްލެ މިއަދު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ކަންކޮޅުތަކުގައި ފަށާފައިވާ މަޝްރޫޢުތައް ދެންއަންނަ ސަރުކާރަކަށް ހުއްޓުވާ ނުލެވޭނެ ކަމަށާއި އެކަންކަން ދެމިގެން ދާނެ ކަމަށެވެ. އެހެންކަމުން ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސައްލެ ވިދާޅުވިއެވެ.

"އެހެންކަމުން ޒިންމާދާރު ކޮންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވެސް ބަޖެޓަށް އާއެކޭ ބުނުން ލާޒިމް." ސައްލެ ވިދާޅުވިއެވެ.

މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން