ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުން ކުރިޔަށް ދަނީ
ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުން ކުރިޔަށް ދަނީ
ކެޕިޓަލް ފަންޑިން ނުލިބޭ ޕްރޮޖެކްޓްތައް މިއަހަރު ނުފެށުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ލަފާދީފިއެވެ.

އެމްއެމްއޭ އިން މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށްޓަކައި ރިކަރަންޓް ހަރަދުތައް މަދު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ކެޕިޓަލް ފަންޑިން ނުލިބޭ ޕްރޮޖެކްޓްތައް މިވަގުތު ނުފެށުމަށްވެސް އެމްއެމްއޭ އިން ވަނީ ލަފާދީފައެވެ.

އޭގެއިތުރުން 2022 ވަނަ އަހަރާ އަޅާބަލާއިރު ރަސްމީ ރިޒާވް ދަށްވެފައިވާތީ، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 4.2 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށާއި، އެކަށީގެންވާ މިންވަރެއްގައި ރިޒާވް ދެމެހެއްޓުމަށް އެފައިސާގެ މުހިންމުކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

އެހެން ނަމަވެސް ސަޕްލިމަންޓަރީ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން 4.2 ބިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވާއިރު، މިއަހަރުގެ ބަޖެޓަށްވެސް ކުރިން ލަފާކުރި އަދަދަށް ބޭރުގެ ފައިނޭންސިން އާއި ހިލޭ އެހީ ލިބިފައިނުވާތީ، ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި 4.2 ބިލިއަން ހޯދުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގޭ ތެރެއިން ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 300 މިލިއަނެއްހާ ރުފިޔާއެވެ. ބާކީ ހުރި ބަޔަކީ ދަރަންޏަށް ފައިސާ ނަގައިގެން ހޯދާ ފައިސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން