ރައްޔިތުންގެ މަޖިލިސް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ މުހިންމު މަސައްކަތްތަކެއް ކުރުމަށް މަތިކޮށްފައިވާ މުއައްސަސާއެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަށްވާނެ ކަމަށް އަސްލަމް މިއަދު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މިހާރުވެސް 25 ބިލެއްގެ މަސައްކަތް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް ކަމަށެވެ. އަދި ބިލުތަކުގެ މަސައްކަތް އަވަސް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަސްލަމް އަލިއަޅުވާ ލެއްވިއެވެ. އެގޮތުން މިހާރު ހަފްތާއަކު ބާއްވާ ތިން ޖަލްސާގެ އިތުރަށް ޖަލްސާތައް ބާއްވައިގެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މަޖިލީހަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށާއި އެކަމަށްޓަކައި މެންބަރުންގެ އެއްބާރުލުން ބޭނުންވާކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

"މަޖިލީހުގެ ރައީސްއެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ބޭނުންވޭ މިއީ ރައްޔިތުންގެ ހަގީގީ އިތުބާރު ލިބިފައިވާ މަޖިލީހަކަށްވުން." އަސްލަމް މިއަދު ވިދާޅުވިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް އަސްލަމް ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި ބަޔާންކުރާފަދައިން މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ ގަވާއިދެއް އެކުލަވާލައި އެ ޤަވާއިދު ފާސްކުރެވޭތޯ މަސައްކަތްކުރަށްވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު އެމަޤާމުން އިސްތިއުފާ ދެއްވުމަ ގުޅިގެން، އަސްލަމް މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބު ކުރަށްވާފައިވަނީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން މިދިޔަ ހޯމަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން