ވޭތުވެދިޔަ 5 އަހަރު ދިވެހިރައްޔިތުން އެމަނިކުފާނަށް ކުރެއްވި ފުރިހަމަ އިތުބާރާއި ދެއްވި މަތިވެރި ތާޢީދަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވައިފިއެވެ.

ނައިބުރައީސް ފައިސަލްގެ ވަދާޢީ މެސެޖުގައި، މިއަދު ނިމިގެންމިދާ ރިޔާސީ ދައުރުގައި މަގާމުގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި އެކުވެރިކަމަށްޓަކައި ވަރަށް އިހްލާސްތެރި ކަމާއެކު ރައީސް ޞާލިޙަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މަސައްކަތްކޮށްފައިވާނީ ކުރި ހުވައިގައި ސާބިތުވެހުރެ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަތިކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތެދުވެރިކަމާ އަމާނާތްތެރި ކަމާއެކު އަދާކުރުމަށް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ހަމައެއާއެކު އެމަނިކުފާނުގެ އަމާޒަކަށް ހެއްދެވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިވެހި ދައުލަތަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވެ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް އިހްލާސްތެރި ކަމާއެކު ހިދުމަތް ދިނުމަށްކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

“ދިވެހި ރައްޔިތުންގެ ފުރިހަމަ ނިންމުމާއެކު ދިވެހި ގައުމު މިއަދު އަނެއްކާވެސް އަލިވިލިގެން މިދަނީ ރާއްޖޭގެ ދުސްތޫރީ ތާރީހުން މުޅިން އާ ދައުރަކަށް. މިއަދު މި ފެށޭ ރިޔާސީ އާ ދައުރަކީ ދިވެހި އުންމަތަށް ހުރިހާ ގޮތަކުންވެސް ތަރައްގީއާއި ކުރިއެރުން ގެނެސްދޭނޭ ދައުރަކަށް ވާނޭ ކަމުގައި އަޅުގަނޑު އުންމީދުކުރަން” ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވެއެވެ.



ފައިސަލް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ މިއަދު ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށާއި ދިވެހިރައްޔިތުންނަށް ފުރިހަމަ ކާމިޔާބާއި ކުރިއެރުމަށްއެދި މާތް ﷲގެ ޙަޟްރަތުގައި ދުއާ ދަންނަވާކަމަށެވެ.

ނައިބުރައީސް ފައިސަލް ނަސީމް ވެވަޑައިގެންފައިވަނީ 2008 ގެ ޤާނޫނު އަސާސީގެ ދަށުން 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ނައިބު ރައީސަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން