ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ ކުރުނބާ މޯލްޑިވްސްގައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައި ކަމަށެވެ.

“ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.” ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ދެބޭފުޅުން ވަނީ ތަޢުލީމީ ދާއިރާއާ ގުޅޭގޮތުންނާއި އަށާރައަހަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއިފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އިޤްތިޞާދު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭހެން ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރަށްވާފައެވެ.

ރައީސް އޮފީހުން ބުނީ ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅު ވަގުތެއްގައި ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވުމަށް ދަޢުވަތު އަރުވާފައި ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން