ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ލަސްވާ ސަބަބުތަކާމެދު ރާއްޖެއާއި އިންޑިއާއިން މަޝްވަރާކޮށްފިއެވެ.

ބްރިޖްގެ މަސައްކަތް ލަސްވެފައިވާ މައްސަލައާމެދު މަޝްވަރާ ކުރަށްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާގެ މިނިސްޓަރ އޮފް އަރތް އެންޑް ސައިންސަސް، ކިރަން ރިޖިޖޫ އިއްޔެ ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން އަޅަމުންދާ ބްރިޖުގެ މަސައްކަތް ނިންމުން ލަސްވާން ދިމާވާ ސަބަބުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފާއިތުވި ސެޕްޓެމްބަރު މަހު ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގިނަ ދިވެހި ރައްޔިތުން ވޯޓު ދީފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުގެ ފަރާތުން އެދޭނެ ކަމުގެ އުއްމީދާއެކު ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް މިއެދުމަށް އިޖާބަދޭނެކަމުގެ އުންމީދު ކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން، ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމަށް މަގުފަހިވެފައިވޭ." ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވިދާޅުވިކަމަށް ރައީސްއޮފީހުން މަޢުލޫމާތު ދެއްވިއެވެ.

މި ޒިޔާރަތުގައި އިންޑިއާގެ މިނިސްޓަރ ވަނީ، އިންޑިއާ ސަރުކާރާއި ރައްޔިތުންގެ އިތުރުން އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭކަން ފާހަގަ ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެގައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ އަޒުމް ދެ ބޭފުޅުންގެ ފަރާތުންވެސް އާކުރައްވަމުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން