ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސް ޢިމާރާތް ކުރަމުންގެންދާ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫޙުގެ އަގުބޮޑު މުދާތައް އެއް އަހަރު ދުވަހަށް ހިފަހައްޓައިފިއެވެ.

ހުޅުމާލޭ ކޯޓުގެ އަމުރެެއްގެ ދަށުން ހިފަހައްޓާފައިވަނީ، އަސްލުއޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ. އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ.

މަންޑޭގެ މައްސަލާގައި ފުލުހުން ރޭ ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭ ދިރިއުޅޭގެ ބަލައި ފާސްކުރަމުން ގެންދާ ކަމަށެވެ. ފުލުހުން މީގެ ކުރިންވެސް ވަނީ މަންޑޭ ދިރިއުޅެމުން ދިޔަ އަމީން އެވެނިއުގެ އެޕާޓްމެންޓު ބަލައި ފާސްކޮށްފަ އެވެ.

ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.

މަންޑޭ ވަނީ ކޭޕާކް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން އެތައް ފައިސާއެއް ނަގާފައިކަމަށް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ. އެ މައްސަލާގައި މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ހައެއްކަ މަސް ދުވަސްވީ މައްސަލައިގެ ތަހުޤީޤުގައި މިހާރު ކުރިއަށް ގެންދަނީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުޙަލާކަމަށް މަޢުލޫމާތު ލިބެއެވެ.

ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާއަކީ މައްސަލައިގެ ދައުވާ ކުރުމަށްޓަކައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު ކުރިއަށްގެންދާ މަޝްވަރާތަކެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބުނެފައިވެއެވެ.

މަހުޖަނެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ކުއްލިޔަކަށް މަޝްހޫރުވި މަންޑޭ ފަހަކަށްއައިސް އުޅެފައިވަނީ މުއްސަދި ދިރިއުޅުމެކެވެ. މަމްދޫހްގެ އެކުވެރިއަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނެފައިވަނީ އެޕާޓްމެންޓްތައް ވިއްކައި މިބޮޑު ޖަރީމާ ހިންގުމަށް މަމްދޫހަށް އެހީތެރިވެދިން ފަރާތްތައް ފައިސާ ދައްކައިގެން އެޕާޓްމެންޓްތައް ގަތްކަމަށް ޑޮކިމެންޓް ހަދައި ހިލޭ އެޕާޓްމެންޓްތަކާއި ގަރާޖްތައް ދީފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.

މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން