އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބަޖެޓްގެ ބަހުސް މިރޭ ދިހައެއް ޖަހަންދެން ކުރިއަަށް ގެންދަން މަޖިލީހުން ފާސްކޮށްފިއެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ކޮންމެ މެމްބަރަކަށްވެސް ބަހުސްކުރެއްވުމަށް 15 މިނެޓު ލިބިވަޑައިގަންނަވާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށައަޅާފައިވަނީ 49.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 34 ބިލިއަން ރުފިޔާއެވެ. ކުރީގެ މާލީ ވަޒީރު އަމީރު ވިދާޅުވީ އެ ބަޖެޓަކީ 13 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށެވެ.

މި ސަރުކާރުގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގް ބަޖެޓު ކޮމިޓީގައި ވިދާޅުވީ އާ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ހިންގަން ބަޖެޓަށް 1.5 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި އެ އަދަދަށްވުރެ އިތުރަށް ބަޖެޓަށް އިތުރުކުރަން ސަރުކާރުން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު އެކަން ކުރެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން