ދީބާޖާއަށް ބަދަލުދިނުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ
ދީބާޖާއަށް ބަދަލުދިނުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ
ދީބާޖާއަށް ބަދަލުގެ ގޮތުގައި ނުދީއޮތް 51 މިލިއަން ރުފިޔާ ދޫކުރުން ސަރުކާރުން ހުއްޓުވައިފިއެވެ.

ދީބާޖާއަށް ފައިސާ ދޫކުރުން ސަރުކާރުން ހުއްޓުވާފައިވާއިރު، ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކީ ޓްރާންސްޕޯޓް މިނިސްޓްރީން ހެދި އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައި ސިވިލް ކޯޓަށް ތަހުވީލުކުރި މައްސަލަ ދީބާޖާއިން ވަނީ އަނބުރާ ގެންގޮސްފައެވެ.

ދީބާޖާއިން މައްސަލަ އަނބުރާ ގެންދިޔައީ ކުރީ ސަރުކާރާއެކު ސެޓްލްމަންޓް އެއްބަސްވުމެއް ހެދުމަށްފަހު އެވެ. އެގޮތުން ކޯޓުން ބޭރުގައި ދެފަރާތުން އެއްބަސްވެފައިވަނީ 64 މިލިއަން ރުފިޔާގެ ބަދަލަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭގެ ތެރެއިން 12 މިލިއަން ދީފައި ވާއިރު، ބާކީ 51 މިލިއަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ފައިސާ ދޫކުރުން ހުއްޓުވީ، ސެޓްލްމަންޓް މުޢާމަލާތުގެ ލިޔެކިޔުންތަކުގެ ތަފްސީލް ބަންޑާރަނާއިބުގެ އޮފީހުގައި ނެތުމުގެ ސަބަބުންކަމަށް ވެއެވެ.

ދީބާޖާއަށް ބަދަލުދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކީ ރައީސް ނަޝީދުގެ ވެރިކަމުގައި ގާއިމްކުރި އެއްބަސްވުން ރައީސް ވަހީދުގެ ވެރިކަމުގައި ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފް މައްސަލައިގެ ހުކުމްގައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ދީބާޖާ މައްސަލާގައި މީގެކުރިން ކޮށްފައިވާ ހުކުމްގައިވަނީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ. އެހެންވެ، ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

ނަމަވެސް ސިވިލް ކޯޓުގެ ޤާޟީ އަހުމަދު އަބްދުލްމަތީން މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ހުކުމުގައި ބުނެފައިވަނީ، ސެޕްޓެމްބަރު 21، ގައި ދީބާޖާއިން ވަނީ ދައުވާ ބާތިލް ކުރުމުގެ ލިޔުން ކޯޓަށް ފޮނުވައިފައި ކަމަށެވެ. އެހެންކަމުން މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެމްޑީޕީގެ ވެެރިިކަމުގަައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރި މައްސަލާގައި އެ ކުންފުނިން ދައުވާ ކުރުމުން 2016 ވަނަ އަހަރު ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައެވެ. ސިވިލް ކޯޓުގެ ހުކުމް 2018 ވަނަ އަހަރު ހައިކޯޓުން ބާތިލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން