ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ދެ މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ނިންމައި، އައިލެންޑް އޭވިއޭޝަންގެ ވަޒީފާ އިން ވަކިކުރި މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފި އެވެ.

އޭވިއޭޝަން ދާއިރާގައި 26 އަހަރު ޚިދުމަތް ކުރަށްވާފައިވާ ކެޕްޓަން މުހައްމަދު އަމީން އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރ ފްލައިޓް އޮޕަރޭޝަންގެ މަގާމުން ވަކިކުރީ 2019 ވަނަ އަހަރު ތެރޭގަ އެވެ.

މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން އަމީން ވަކިކުރުމުން އޭނާ ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެމައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މޯލްޑިވިއަންގެ ވަޒީފާއިން އަމީން ވަކިކުރީ، ގޯސްކޮށް ކަމަށާއި، އެހެން ކަމަށްވާތީ، 15 ދުވަހުގެ ތެރޭގައި އޭނާ ކުރިން ހުރި މަގާމު ނުވަތަ އެ މަގާމާއި އެއް ފެންވަރެއްގެ މަގާމެއް ދިނުމަށެވެ. އަދި އަމީން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާއި، ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔައްތައްވެސް އޭނާ އަށް ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.

ސިވިލްކޯޓުގެ ޙުކުމް އައިލެންޑް އޭވިއޭޝަނުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު، އައިލެންޑް އޭވިއޭޝަނާއި އަމީން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، އިސްތިއުނާފު މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ. ހައިކޯޓުން މައްސަލަ ބާތިލް ކުރި ކަމުގެ ރިޕޯޓްގައި ބުނެފައިވަނީ އަމީންގެ ވަޒީފާ އިޔާދަކޮށް ބަދަލުގެ ގޮތުގައި 2،202،508ރ. ދޭން ކޯޓުން ބޭރުގައި އައިލެންޑް އޭވިއޭޝަނުން އެއްބަސްވެފައިވާ ކަމަށެވެ.

2000 ވަނަ އަހަރު އުފެއްދި ގައުމީ އެއަރލައިން ކަމަށްވާ މޯލްޑިވިއަނަކީ އާމްދަނީގެ ގޮތުން ޓްރެކް ރެކޯޑު އެންމެ ރަނގަޅު އެއް ކުންފުންޏެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް އެޅުނު އިރު 442 މިލިއަން ރުފިޔާއިން އައިލެންޑް އޭވިއޭޝަން އޮތީ ދަރަނިވެރިވެފައެވެ. އަދި 2021 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާގޮތުގައި އެ ކުންފުނީގެ ދަރަނި 600 މިލިއަން ރުފިޔާއާއި ގާތްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން