ޖުމްހޫރީ ޕާޓީ އުވާލުމަށް މަޝްވަރާކުރަމުންދާ ކަމަށްބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ޖޭޕީގެ މެންބަރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެމްއެންޕީއަށް ބަދަލުވުމަށް އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުށައެޅުއްވި ކަމަށާއި ނަމަވެސް އެގޮތަށް ފާސްވެފައި ނުވާކަމަށްބުނެ ރާއްޖޭގެ މީޑިއާއަކުން މިއަދު ވަނީ ޚަބަރު ފަތުރާފައެވެ. އެކަމާ ގުޅިގެން ޖޭޕީން ބުނެފައިވަނީ އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިޙް މިއަދު ވިދާޅުވީ، އެ ޚަބަރަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އާޓިކަލެއް ކަމަށެވެ.

"ޕާޓީ އުވާލުމުގެ އެއްވެސް ވޯޓެއް ނުނަގާ." އަލީ ޞާލިޙް ވިދާޅުވިއެވެ.

އަލީ ޞާލިޙް ވިދާޅުވީ، އިއްޔެގެ ބައްދަލުވުމުގައި ވޯޓަށް އެހީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެހެން ޕާޓީތަކާއެކު މަސައްކަތް ކުރުމާ ގުޅޭ ގޮތުން ކަމަށާއި އެ މަސައްކަތަށް ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލި ކަމަށެވެ.

ޖުމްހޫރީ ޕާޓީ އުވާލުމަށް މަޝްވަރާކުރަމުންދާ ކަމަށްބުނެ ފަތުރާ ޚަބަރު އެޕާޓީން ދޮގުކޮށްފައިވާއިރު، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް އިންތިހާބުގައި ލިބިވަޑައިގަތީ 5،460 ވޯޓެވެ. މިއީ 22،000 އަށްވުރެ ގިނަ މެންބަރުން ތިބި ޖޭޕީއަށް ރިޔާސީ އިންތިޚާބެއްގައި މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން