މަޖިލީހުގައި އެމްއެންޕީ ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލިފައިވާކަމަށް ރިޔާސަތުން މިއަދު ނިންމި ނިންމުން ބަލައިނުގަންނަ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މެންބަރުން މަދުވުމުގެ ސަބަބުން މަޖިލީހުގައި ތަމްސީލް ކުރުމުގެ ފުރުސަތު މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއަށް ގެއްލިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިއަދުގެ ޖަލްސާގައި އެމްއެންޕީގެ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ރިޔާސަތުގެ ނިންމެވުން ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ އާއި 30 ވަނަ މާއްދާއާ ހިލާފު ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ނ) ގާނޫނުއަސާސީގެ އެ ތިން މާއްދާއާ ސީދާ ހިލާފު ކަމަށާއި، އެހެންކަމުން ރިޔާސަތުގެ ނިންމެވުމަށް ޢަމަލު ނުކުރެވޭނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 30 ވަނަ މާއްދާގެ ދަށުން މަޖިލީހަށް އިންތިހާބުވި ތިން މެމްބަރުން އެމްއެންޕީ ތަމްސީލުކުރުމަށް ހުށައެޅުމުން 27 އޮކްޓޫބަރު، 2021 ގައި މަޖިލީހުގައި އެކަން އިއުލާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެމްއެންޕީގެ އެއްމެންބަރަކު މަޖިލީހުގެ މެންބަރުކަމުން އިސްތިޢުފާ ދެއްވާފައި ވާތީ، މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުން ތަމްސީލު ކުރުމުގެ ފުރުސަތު އެމްއެންޕީއަށް ގެއްލިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. މަޖިލީހުގެ ޤަވާއިދުގައި ވަނީ މަޖިލީހުގައި ސިޔާސީ ޕާޓީއެއް ތަމްސީލު ކުރެއްވޭނީ މަދުވެގެން 3 މެންބަރުން ތިއްބަވާނަމަ ކަމަށެވެ.

މަޖިލީހުގައި މިވަގުތު ތިއްބެވީ އެމްއެންޕީގެ ދެ މެމްބަރުންނެވެ. އެއީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

އެމްއެންޕީގެ މެންބަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ވިލިމާލޭ ދާއިރާގެ މެމްބަރުކަމުން އަހުމަދު އުޝާމް ނޮވެމްބަރު 17 ވަނަ ދުވަހު މެންބަރުކަމުން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބަންޑާރަނައިބުގެ މަގާމަށް ވަޑައިގެންނެވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން