ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުމާ ގުޅޭގޮތުން އިންޑިއާ ސަފީރު މިއަދު ވިދާޅުވީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުން އިތުރަށް ބަދަހިކުރުމާމެދު ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ހަމައެއާއެކު އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ހެޔޮ އެދުންތައް މިނިސްޓަރު ޒަމީރަށް ރައްދުކޮށްދެއްވި ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

އިންޑިއާ ސަފީރު މިނިސްޓަރު ޒަމީރާއި ބައްދަލު ކުރައްވާފައިވާއިރު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހުރިހާ ގައުމުތަކަކާ ވެސް ގުޅިގެން މަސައްކަތް ކުރުމުގައި އިސްކުރައްވާނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.



ހަމައެއާއެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ސަރުކާރުގެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ޒަމީރު ވިދާޅުވެފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށް ބުރަކޮށް މަސައްކަތް ކުރަށްވާނެ ކަމަށެވެ. އަދި އެމަސައްކަތުގައި އަބަދުވެސް އިސްކުރަށްވާނީ ދިވެހި ޤައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން