އަހުމަދު ޝާހް   5 ފެބްރުއަރީ 2021 - 19:44
އިދިކޮޅު ޕީޕީއެމްގެ މެމްބަރުން މާލޭގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޙަމާލާދޭން އުޅުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބަޔަކު މާލޭގައި މިއަދުވަނީ މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާގެ ބައިވެރިންނާ ރައީސް ނަޝީދު ބައްދަލުވެފައިވަނީ ގ. ކެނެރީގެ ކައިރިން ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ރޫޙު ހުރިގޮތުން ރައީސް ނަޝީދަށް ގެއްލުމެއް ލިބިދާނެ ކަމަށް ބަލައި އެމަނިކުފާނުގެ ބޮޑީގާޑު ވަނީ ރައީސް ނަޝީދު މުޒާހަރާގެ ބައިވެރިންނާ ފޭއަށް ޖައްސާފައެވެ.

އެކަމާ ގުޅިގެން ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމް ވިދާޅުވީ، ޕީޕީއެމް މުޒާހަރާ ވެސް ކުރަންވާނެ ކަމަށާއި އެކަމަކު ރައީސް ނަޝީދުގެ ގޭދޮށަށް ގޮސް ހަމަލާދޭން އުޅުމަކީ މުޒާހަރާކުރުމެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ގޭދޮށަށް ގޮސް ގަޔަށް ބޮލަށް އަރަން ނުޖެހޭ ކަމަށާއި، އެކަމުން ރައީސް ޔާމީނަށް ލުޔެއް ނުލިބޭނެ ކަމަށް ދޮންބިލެއް ޙަލީމް ވިދާޅުވިއެވެ. އޭގެ އިތުރުން ދޮންބިލެއް ވަނީ އިދިކޮޅުގެ މުޒާހަރާއަކީ ކޯވިޑް ފެތުރުމަށް ހިންގާ ކަމެއް ކަމަށް ތުހުމަތުކޮށް ކޮވިޑް ފެތުރުން ހުއްޓުވުމަށް ގޮވާލައްވާފައެވެ.



ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު ވެސް ވަނީ ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ރައީސް ނަޝީދަށް ޙަމަލާދޭން އުޅުނު ކަމަށް ތުހުމަތު ކުރަށްވާފައެވެ. މޫކޭ ވިދާޅުވީ، ރައީސް ނަޝީދުގެ ގެޔަށްގޮސް ދިމާކޮށް ގަޔަށް އަތްލާން އުޅުމުން ވާނެ މޮޅެއް ނޯންނާނެ ކަމަށެވެ.



ޕީޕީއެމްއިން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގައި މާގިނަ ބަޔަކު ބައިވެރި ނުވި ނަމަވެސް، މި މުޒާހަރާއިން ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު