ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
މިހާރުގެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ބޮޑު އިންތިޚާބެއް ކުރިއަށް ގެންދިއުމުގެ ގާބިލްކަން ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އިލްހާމް ވިދާޅުވީ، ނިމިދިޔަ އިންތިޚާބުން ފެނިގެންދިޔައީ ކޮމިޝަންގައި ތިއްބެވި ބޭފުޅުންގެ ތަޖުރިބާ މަދުކަމާއި، މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމުގެ ވިސްނުން ނެތް މިންވަރު ކަމަށެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް މައްސަލަތައް ހުރި ނަމަވެސް، މި ފަހަރުގެ އިންތިޚާބަކީ އިންތިޒާމުތަކުގެ ފެންވަރު އެންމެ ދަށް އިންތިޚާބުގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

އިލްހާމް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ކޮމިޝަނުން ކަންކަން ތަރުތީބުކޮށްފައިވަނީ ސިޔާސީ ވިސްނުމެއްގެ ތެރެއިންނެވެ.

އޭގެ ތެރޭގައި ކުއްލި ކުއްލިއަށް ނިންމުންތައް ނެގުމާއި، ވޯޓު ބާތިލް ކުރުމުގެ ވިސްނުން ގެންގުޅުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޮޑު އިންތިޚާބަކަށް ތައްޔާރުވިއިރު، އާންމު ރައްޔިތުންނަށް ވޯޓާ ގުޅޭ ކަންކަން ސާފުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމަށާއި، އޮފިޝަލުން ތަމްރީނު ކުރުމުގައި ވެސް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 2028 ވަނ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށް ވެސް އިލްހާމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު