ލާމަރުކަޒީ ނިޒާމުގައި ރަނގަޅު ކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރި ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވީ މި ސަރުކާރުން ކައުންސިލްތަކަށް ޚާއްސަ ވުޒާރާއެއް އުފެއްދެވުމާ ގުޅިގެން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގައިވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްޤީކުރުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނޑައަޅައި ވިލަރެސްކުރުމަށް ވުޒާރާއެއް އުފައްދަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

“ރައްޔިތުން ވޯޓުދެއްވީ އެކަންކަމަށް. މި ސަރުކާރުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރާނަން.” ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ކައުންސިލްތައް ބާރުވެރިކުރުވުމަށް ވުޒާރާތައް އުފައްދާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން އެކަމަށްޓަކައި އުފައްދާފައިވާ ވުޒާރާއިން ބާރުއަޅަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނޑައަޅައި ކައުންސިލްތަކަށް ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރު ކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

“ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި ރަނގަޅު ކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރިކަން ގިނަ ކައުންސިލަރުންނާއި ރައްޔިތުންގެ ގިނަ ބަޔަކު ޤަބޫލުކުރޭ.” ވަޒީރު ވިދާޅުވެފައިވެއެވެ.



ވަޒީރު އާދަމް ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒް ރޭ ވިދާޅުވީ އެމްޑީޕީން ފައްކާކުރި ލާމަރުކަޒީ ނިޒާމު މަރުކަޒު ކުރުމަށް މި ސަރުކާރުން އައު މިނިސްޓްރީއެއް އުފައްދާފައިވާ ކަމަށެވެ.

އޭގެއިތުރުން އެ މިނިސްޓްރީން ކައުންސިލްތަކަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި އެއީ ލާމަރުކަޒީ ގާނޫނުގެ ވިސްނުމާއި ރޫހާ ހިލާފަށް ކުރާ ކަމެއް ކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

ޢަލީ ނިޔާޒް ވިދާޅުވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސަބަބުން ކައުންސިލްތަކަށް ލިބިފައި ހުރި ބާރުތަކާއި މަސްއޫލިއްޔަތުތަކާއި އަދާކުރާ ޒިންމާތަކަށް ހުރަސްއެޅުމުގެ ބިރު އެބައޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން