ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ މަޤްސަދު ޙާސިލުނުވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ޢަލީ ނިޒާރު މިމޭރުމުން ވިދާޅުވެފައިވާއިރު ކުރީގެ ރައީސުން ބޮޑު އިނާޔަތް ނަންގަވައިގެން ގައުމަށާއި މުޖުތަމަޢަށް ފައިދާހުރި މަސައްކަތެއް ކުރުމުގެ ބަދަލުގައި ސިޔާސީ މަސައްކަތްތަކުގައި ޝާމިލުވެ އުޅުއްވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ޢަލީ ނިޒާރު މިއަދު ވިދާޅުވީ ކުރީގެ ރައީސުންނަކީ ރައްޔިތުންގެ ފައިސާއިން ކޮންމެ ބޭފުޅަކަށް އަހަރަކަށް 4.5 މިލިޔަން ރުފިޔާ ވަރު ޚަރަދު ކުރެވޭ ބައެއް ކަމަށެވެ. އަދި އެކަމުގެ މަގުސަދަކީ ޝަރަފާއި ޤަދަރު ވެރިކަން އެބޭފުޅުންނަށް ކަށަވަރު ކުރުން ކަމަށް ޢަލީ ނިޒާރު ވިދާޅުވިއެވެ.

އެހެންނަމަވެސް ރާއްޖޭގައި ފެންނަނީ އެމަގުސަދު ހާސިލް ނުވެދާތަން ކަމަށް ނިޒާރު ވިދާޅުވިއެވެ.

“ބައެއް ކުރީގެ ރައީސުން ޑިމޮކްރެޓިކް ހަމަތަކުން ބޭރުވެ ވެރިކަމުގެ ނިޒާމަށް ގޮންޖައްސަވައި ފިތުނަ ފަތުރައި ގައުމު ހަލަބޮލި ކުރަން މަސައްކަތް ކުރަމުން ދާތަން.” ޢަލީ ނިޒާރު ވިދާޅުވިއެވެ.

ޢަލީ ނިޒާރު ވިދާޅުވީ މިކަމަކީ ރައްޔިތުން ވިސްނައި ހޭލުންތެރި ވާންޖެހޭ ކަމެއް ކަމަށެވެ. ހަމައެއާއެކު ހެޔޮވެރިކަމުގެ ނިޒާމަކީ ދުނިޔޭގެ މަދު ގައުމަކަށް މެނުވީ ލިބިފައިނުވާ ނިއުމަތެއް ކަމަށާއި މިނިވަންކަމާއި އެއްވަރަށް އަދުލުވެރި ހެޔޮވެރިކަމަކީ ދިފާއުވެވެން ޖެހޭ މުހިއްމު ގައުމީ ތަރިކައެއްކަމަށްވެސް ޢަލީ ނިޒާރު ވިދާޅުވިއެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެއް ދައުރު ރައީސް ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50،000 ރުފިޔާ އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000 ރުފިޔާ ގެ އިނާޔަތެއް ދައުލަތުން ދޭންޖެހެއެވެ. އަދި އެބޭފުޅުން ދިރިއުޅުއްވާ ތަނުގެ ހަރަދަށް އިތުރު 50،000 ރުފިޔާ ދިނުމުގެ އިތުރަށް މުޖްތަމައަށް ފައިދާހުރި މަސައްކަތެއް ކުރައްވާނަމަ އޮފީސް ހިިންގެވުމުގެ ހަރަދަށް ވެސް މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.

މި އިނާޔަތް ތަކަކީ ރާއްޖޭގެ އިޤުތިޞާދާ ނުބައްދަލު އަދަދުތަކެއް ކަމަށާއި އަދި ބައެއް ބޭފުޅުން ސިޔާސީ އެހެން މަސައްކަތްތައް ކުރަށްވަމުން ދައުލަތުން ދޭ އިނާޔަތް ނަންގަވާތީ ވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން