ރައީސް ޔާމީނަށް ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ހުށަނޭޅުއްވޭނެކަމަށް ދޭހަވާފަދަ މޭރުމަކުން އީސީގެ ނާއިބުރައީސް އިސްމާޢީލް ޙަބީބް މީސްމީޑިއާގައި ޕޯސްޓެއް ޙިއްސާކުރަށްވައިފިއެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ކޯޅުންތައް ބޮޑުވެ އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ރައީސް ޔާމީން ފަށާފައިވާކަމަށް އިޢުލާނު ކުރެއްވީ އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މާދަމާ އީސީއަށް ހުށައަޅާނެ ކަމަށް މަޢުލޫމާތުލިބެއެވެ.

ޙަބީބް މީސްމީޑިއާގައި ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާއިން، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައުޤުވެރިވާކަން ބަޔާންކޮށް ޝަރުޠު ހަމަވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅޭނެ ކަމަށް ޙަބީބު ވިދާޅުވިއެވެ.

މިކަމަށް އެދި ހުށައަޅާ މީހުންގެ ޝަރުތުތައް ޙަބީބު ހިއްސާ ކުރައްވާފައިވާއިރު އެ ޝަރުތުތަކުގެ ތެރެއިން 4 ވަނައިގައި އޮތީ އެމީހެއްގެ މައްޗަށް ޝަރުޢީ ޙުކުމެއް ތަންފީޛުކުރެވެމުންދާ މީހެއްކަމުގައި ވެގެން ނުވާނެ ކަމަށެވެ. ރައީސް ޔާމީނަކީ މިހާރުވެސް 11 އަހަރުގެ ޖަލުޙުކުމެއްގައި ހުންނެވި ފަރާތަކަށްވުމުން އެޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމައެއް ނުވެއެވެ.

އަދި ޝަރުތުތަކުގެ 9 ވަނަ ނަންބަރުގައި ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. ޖަލުތަކާ ޕެރޯލް ޤާނޫނުގެ ދަށުން ޕާޓީއެއްގެ ލީޑަރޝިޕްގެ ރޯލެއް ރައީސް ޔާމީނަށް އަދައެއް ނުކުރެއްވޭނެއެވެ.

"ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރާ ޕާޓީއެއްގެ ނަމާއި، ނިޝާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފުތަރުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި، ކުލަ އާއި، ދިދަ އާއި، އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެ." ޙަބީބު ވިދާޅުވިއެވެ.

އޭގެއިތުރުން ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނެ ކަމަށްވެސް ޙަބީބު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ހަސަނާ

25-Nov-2023

ޖަލުހުކުމެއްގަ ހުރެވެސް ރައީސްކަމަން އަންނަންވެގެން ޕާޓީ އުފައްދަން އެއުޅެނީ މީނަ ބަހައްޓަންވީ 11 އަހަރުވަންދެން ޖަލުގަ



ޓްރެންޑިން