ޤައުމަކަށް ނުވަތަ ބަޔަކަށް ލިބިފައިވާ ބިންކޮޅު ކުޑަކަމާއި އެބައެއްގެ އަދަދުގެ މަދުކަމަކީ ޤައުމަށް އަމާނާތްތެރިވުމާއި ޤައުމީ ލޯތްބަށް އޮތް ހުރަހެއް ނޫންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަސް 2023 ފާހަގަކުރުމަށް ބ. ތުޅާދޫ ކައުންސިލުން އިންތިޒާމުކުރައްވައިގެން އެރަށުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދުވަހާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ޢުދުވާނީ ހަމަލާގައި ތުޅާދުއަށް ނިސްބަތްވާ ސިފައިންގެ އެއް ބޭކަލަކު ކަމުގައިވާ ޙުސައިން މުޙައްމަދު ވަނީ ޝަހީދުވެފައެވެ. ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާގެ ބޮޑީގާޑަކަށް ހުންނެވި ޢަލީ ޙަސަނަކީވެސް އެދުވަހުގެ ހަނގުރާމައިގައި ހިތްވަރާއި ތެދުވެރިކަން ދެއްކެވި ބޭކަލެކެވެ.

މި ދެބޭކަލުންގެ ހިތްވަރަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ މީގެ 35 އަހަރު ކުރިން ދިވެހީންނާ މި ހަމަލާ ކުރިމަތިވި އިރު އޭރު ތުޅާދުއަކީ މިހާރުގެ ތުޅާދުއާ އަޅާ ބަލާއިރު ވަރަށް ކުޑަކުޑަ ރަށެއްކަމަށެވެ. ނަމަވެސް އެ ހަނގުރާމަގައި ތުޅާދޫގެ މި ދެ ފަހުލަވާނުން ދައްކައިދެއްވީ ވަރަށް މަތިވެރި އަދި އެހާމެ ބޮޑު ޤައުމީ ލޯބީގެ ހަގީގަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.



އޭގެއިތުރުން މި ފަދަ ފުން ގައުމީ ލޯތްބެއް އޭރުގެ ދިވެހީންގެ ކިބައިގައި އޮތުމުން ގައުމަށް ރައްކާތެރިކަން ލިބުނު ކަމަށާއި މިއަދު އެކަން އަލުން ދިރުވަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު މަޝްރޫޢަކީ އަދުގެ ޖީލުތަކުގެ ހިތްތަކުގައި ދިވެހިވަންތަކަމާއި ދިވެހީންގެ އަސްލުތަކަށް ލޯބިކުރުމުގެ ރޫޙު ދިރިގެންދާނެ ވަރަށް އުންމީދީ އަދި ނަތީޖާ ފެންނާނެ މަޝްރޫޢަކަށް ވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ބ.ތުޅާދޫ މަދަރުސާގައި ބޭއްވި މި ރަސްމިއްޔާތުގައި ޝަހީދު ޙުސައިން މުޙައްމަދުގެ އަނބިކަބަލުންނާއި އާއިލާ ބައިވެރިވެވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން