ދިރާސީ އާއަހަރުގެ ކިޔެވުން ޖެނުއަރީމަހަށް ބަދަލުކުރަން ސަރުކާރުން މަޝްވަރާކުރަމުން ދާކަމަށްބުނެ ތައުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހަށް ހާޟިރު ކުރުމަށް ނިންމައިފިއެވެ.

ވަޒީރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހަށް ޙާޟިރުކުރުމަށް ނިންމާފައިވާއިރު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ދިރާސީ އައު އަހަރު 2025 އިން ފެށިގެން ޖެނުއަރީގައި ފަށާގޮތަށް ބަދަލުކުރަން މަޝްވަރާ ކުރަމުންދާކަން ވަޒީރުވަނީ ހާމަކުރަށްވާފައެވެ.

އެކަމާގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ، 2025 ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ޖެނުއަރީ މަހަށް ބަދަލުކުރާތީ ކުދިންގެ ކިޔެވުމަށް ވާނެގޮތަކާމެދު ބެލެނިވެރިންގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ވިދާޅުވެ ވަޒީރާ ސުވާލު ކުރެއްވުމަށް މަޖިލީހަށް ހުށައަޅުއްވާފައެވެ.

ރޮޒައިނާ ވިދާޅުވެފައިވަނީ މިހާރު ހިނގަމުންދާ ދިރާސީ އައު އަހަރު، އަންނަ އަހަރުގެ ޖޫން މަހު ނިމޭނެ ކަމަށާއި، އެހެންކަމުން އެ ތާރީޚާއި އަލަށް ފެށޭ ދިރާސީ އައު އަހަރާ ދެމެދު ހޭދަވާ މުއްދަތުގައި ދަރިވަރުންގެ ކިޔެވުމާ ގުޅިގެން މިނިސްޓްރީން ވިސްނާފައިވާ ގޮތް އޮޅުން ފިލުވުމަށް ބޭނުންވާ ކަމަށެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ދިރާސީ އާ އަހަރު ފަށަމުން އައީ ޖެނުއަރީގައެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ސްކޫލުތައް ބަންދުވެ ދަރިވަރުންގެ ކިޔެވުން އިތުރު ހަ މަސްދުވަހަށް ދަންމާލަން ޖެހުމާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރުގެ ކިޔެވުން ރަސްމީކޮށް އަހަރުގެ މެދުތެރޭގައި ފަށާގޮތަށް ތަޢުލީމީ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

ދިރާސީ އާ އަހަރު ޖަނަވަރީގައި ފެށޭގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން