ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ ރޯދަމަހަށްފަހު ބާއްވަން ހުށައެޅުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ރޯދައިގެ ފަހުން އިންތިޚާބު ބޭއްވުމަށް ހުށައެޅުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވާއިރު މިދިޔަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނުން ކޮމިޓީގައި އެދިފައިވަނީ ރޯދަ މަހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށެވެ. މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވީ ރޯދަ މަހުގެ ފަހުން މަޖިލިސް އިންތިޚާބުގެ ވޯޓުލުން ބާއްވައި، އެޕްރީލް 28ގެ ކުރިން އިންތިޚާބުގެ ކަންކަން ނިންމަން އިލެކްޝަނަށް ހުށައެޅުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އަދި ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުންވަނީ ފާސްކޮށްފައެވެ.

ގާނޫނުގައި ބުނާ ގޮތުން މިހާރު ކުރިއަށްދާ މަޖިލިސް ނިމުމުގެ 120 ދުވަސް ކުރިން ޖެހިގެން އަންނަ މަޖިލީހުގެ އިންތިޚާބު ބޭއްވުމުގެ ކަންކަން ފަށަން ޖެހެއެވެ.

އެގޮތުން 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚް ކަނޑައަޅާނަމަ، އެ އިންތިޚާބު ބޭއްވޭނެ ތާރީޚަކީ މާޗު 19 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް، އެއީ ސްކޫލްތަކުގައި މޮކް އެގްޒާމް ކުރިއަށްދާ ދުވަސްވަރަށްވުމުން، ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ސްކޫލްތައް ބޭނުންކުރާތީ މާޗަށްފަހު އިންތިޚާބު ބާއްވަންޖެހޭ ކަމަށް އީސީން ބުނެފައިވެއެވެ. އިމްތިހާންތައް ނިމި، އިންތިޚާބު ބޭއްވެން އަންނަނީ މާޗު 30 ގައި ކަމަށާއި ނަމަވެސް އެއީ ރޯދަ މަހުގެ 20 ވަނަ ދުވަސްކަން ކޮމިޓީގައި އީސީން ފާހަގަކުރިއެވެ.

އެބައްދަލުވުމުގައި އީސީގެ ނައިބުރައީސް ޙަބީބު ވިދާޅުވީ އެކަން ހައްލު ކުރެވޭނީ ޤާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ. އަދި ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކޮށްލައިގެން ނުވަތަ، އިންތިޚާބުގެ މަސައްކަތް ފަށަން ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމަށް ހަބީބު ވަނީ ހުށައަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު