ތިލަފަޅާއި ގުޅީފަޅަށް ދެންވާނެ ގޮތެއް ބަޖެޓުގައި ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ތިލަފަޅާއި ގުޅީފަޅާއި ގިރާވަރު ފަޅުން ގޯތި ދިނުމުގެ މަޝްރޫޢަކީ ވަރަށްގިނަ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. ނަމަވެސް ބަޖެޓުގައި އެ މަޝްރޫޢުތަކަށް އެއްވެސް އަހަމިއްޔަތުކަމެއް ދީފައި ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ތިލަފަޅާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށެވެ. ނަމަވެސް އެ ތަންތަނުގައި ޢުމްރާނީ ގޮތުން ތަރައްޤީވާންޖެހޭ އަސާސީ ޚިދުމަތްތަކަށް ބަޖެޓުކޮށްފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި މި ސަރުކާރުން އަލަށް ފަށާ ފުށިދިއްގަރު ފަޅުގެ މަޝްރޫޢަށް 400 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ޤާސިމް ފާހަގަ ކުރެއްވިއެވެ.

“ވަރަށްގިނަ ރައްޔިތުންނަށް އެތަންތަނުން ބިންވެރިކަން ފޯރުކޮށްދީފައިވަނީ. އެބޭފުޅުންގެ އުންމީދުތަކެއް ހުންނާނެ އެތަނަށް ގޮސް ވަޒަންވެރިވާން. އެކަމަކު އެތަނުގެ އަސާސީ ޚިދުމަތްތައް ޤާއިމުކުރަން ބަޖެޓުގައި ނެތުމަކީ ދެރަވަރުކަމެއް.” ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިއީ ވަރަށް ގޯސް މިސްރާބަކަށް އޮތް ބަޖެޓެއް ކަމަށާއި ކުރީ ސަރުކާރުން ރައްޔިތުންނަށްޓަކައި ފަށާފައިވާ މަސައްކަތްތައް މި ސަރުކާރުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. އެހެން ނޫނީ ޤައުމަށް ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެކަމަށް ޤާސިމް މިއަދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރާއްޖޭގައި ދުރުރާސްތާ ޕްލޭނެއްގެ ދަށުން ޤައުމު ތަރައްޤީ ކުރެވޭނެ ގޮތެއް އެކަށައެޅުމަށް ޤާސިމް ގޮވާލެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށައަޅާފައިވަނީ 49.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 34 ބިލިއަން ރުފިޔާއެވެ. ކުރީގެ މާލީ ވަޒީރު އަމީރު ވިދާޅުވީ އެ ބަޖެޓަކީ 13 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން