ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފިއެވެ.



އީވާ މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވަނީ 50 މެންބަރުން ސޮއި ކުރެއްވުމަށް ފަހުއެވެ. އެމްޑީޕީ މެންބަރުންގެ އިތުރުން ޤަރާރުގައި ދެން ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

މަޖިލީހުގެ އަމީންއާއްމު މަޖިލީހުގެ މެމްބަރުންނަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ޤަވާއިދުގެ 206 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާ މުއްދަތު ދިނުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އިތުބާރުނެތްކަމުގެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އީވާ ވަކިކުރުމުގެ މައްސަލަ އާދީއްތަދުވަހު އެޖެންޑާކުރާނެ ކަމަށް އަމީން އާއްމު ވިދާޅުވިއެވެ.

މި މައްސަލަ ހުށަހެޅީ އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމުންނެވެ.

އެމައްސަލައާއި ގުޅިގެން އީވާ އާއި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރަައިގެން ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން ވެސް އެމްޑީޕީން ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމައްސަލަ އެމްޑީޕީން ވަނީ އަނބުރާ ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން