ރައީސް ޞާލިޙްގެ ސަރުކާރުން ޙައްޤު ގޮތުގައި ރައްޔިތުންނަށް ދީފައިވާ ގޯއްޗާއި ފްލެޓް މި ސަރުކާރުން އަތުނުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޠާރިޤު ވިދާޅުވީ ކުރީ ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ޙައްޤު ގޮތުގައި އެއްވެސް ރައްޔިތަކަށް ދީފައިވާ ފްލެޓާއި ގޯތި މި ސަރުކާރުން އަތުނުލާނެ ކަމަށެވެ. ނަމަވެސް ދިމާވެގެން އުޅޭ މައްސަލައަކީ އޭސީސީގެ އެންގުމަކާ ޚިލާފަށް ދެވަނަ ބުރުގެ ވޯޓަށްފަހު ލިޔުންތަކެއް ދޫކުރުން ކަމަށް ޠާރިޤް ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހުއްޓާލާފައިވާނަމަ އެކަމެއް ހިނގާފައި ވަނީ ނިމިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި ކަމަށާއި މި ސަރުކާރުން އެފަދަ ނިންމުމެއް މިހާތަނަށް ނިންމަވާފައި ނެތް ކަމަށެވެ.

“ޙަޤީޤަތުގައިވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރޭގައި ވަރަށް ނިކަމެތި ރައްޔިތުން އެބަ އުޅޭ. އެއީ އެމްޑީޕީ ސަރުކާރުން ދިނަސް އަދި ޕީޕީއެމް ޕީއެންސީ ސަރުކާރުން ދިނަސް ޙައްޤު ވެރިއަކަށް ފްލެޓެއް ނުވަތަ ބިމެއް ލިބިފައި އޮވެއްޖެއްޔާ އެ އަތުލުމަކީ އިންސާފެއް ނޫން.” މެންބަރު ޠާރިޤު ވިދާޅުވިއެވެ.

ޠާރިޤު އިތުރަށް ވިދާޅުވީ ގިނަ ޢަދަދެއްގެ ފޯމްތަކެއް ޕްރޮސެސް ކުރާއިރު އަތްދަށުން ކަމެއް ގޮސްފައި އޮވެދާނެ ކަމަށާއި އެހެންކަމުން އެފަދަ ކަމެއް އޮތްނަމަ އެކަން ހިނގިގޮތެއް ރަނގަޅަށް ބެލުމަކީވެސް ނެތްކަމެއް ނޫންކަމަށެވެ.

ހަމައެއާއެކު ރައްޔިތަކަށް ޙައްޤު ގޮތުގައި ލިބިފައިވާ އެއްވެސް އެއްޗެއް އަތުލައިގެން އެއްވެސް ބަޔަކަށް ސިޔާސީ މަންފާއެއް ނުހޯދޭނެ ކަމަށްވެސް ޠާރިޤު މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން